ޚަބަރު

ހަންޏާމީދޫގެ ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށްފި


އދ.ހަންޏާމީދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތް، ޕްލޭނިން މިނިސްޓްރީން މާލެ ވޯޓަ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އާ ޙަވާލުކޮށްފިއެވެ.

މިކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤުއެވެ. އަދި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމްއެވެ. 22 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މި ކޮންޓްރެކްޓްގެ އަގަކީ 21.65 މިލިއަން ރުފިޔާކަމަށް ޕްލޭނިންގް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރި މިމަޝްރޫޢުތަކުގެ ދަށުން މިރަށުގެ ފެނުގެ ނިޒާމް ފަރުމާ ކުރުމާއި ރަށުގައި ފެނުގެ ވިޔުގަ އެޅުމާއި، އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުން، އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުން ހިމެނެއެވެ.

ހަންޏާމީދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ އިތުރުން އެމްޑަބްލިއުއެސްސީއިން މިހާރުދަނީ، ބ.ގޮއިދޫ، ރ.ކިނޮޅަސް، ނ.ކުޑަފަރި އަދި ނ.މާޅެންދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ އާދަމް އާޒިމްވަނީ އެއްފަހަރާ 20 މަޝްރޫޢު ހިންގޭނެ ކެޕޭސިޓީ އެބަހުރިކަން ހާމަކުރައްވާފައެވެ.