ޚަބަރު

އެމްޑަބްލިއުއެސްސީގެ މަސައްކަތް އެތައް ގުނައެއް ހަލުވި ކުރެވިއްޖެ - އާޒިމް


މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރެއްވި މަސައްކަތުން، ކުންފުނީގެ ސްޕީޑް އެތައް ގުނައެއް ހަލުވި ކުރެވިފައިވާކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެެ.

އދ. ހަންޏާމީދޫގެ ފެނުގެ ނިޒާމު ޑިޒައިން ކުރުމާއި، މި ނިޒާމު ޤާއިމުކުރުން އެމްޑަބްލިއުއެސްސީއާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ އާދަމް އާޒިމް ވަނީ، މި ސަރުކާރުން އެ ކުންފުންޏާއި ހަވާލުވިއިރު ބޮޑެތި ގޮންޖެހުންތަކެއް ކުންފުންޏަށް ކުރިމަތިވެފައިވާކަމަށެވެ. އެގޮތުން ކުންފުނީގެ މާލީ ހާލަތު ދަށްވެފައިވާއިރު އޭރު ކުންފުނި އޮތީ ކަސްޓަމަރުންނާ ވަރަށް ބީރައްޓެހި ކުންފުންޏެއްގެ ގޮތުގައި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކުންފުނީގައި ހުރި ދަތިތައް ހައްލުކޮށް އާންމުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދިނުމަށް ސަރުކާރުން ފެށި މަސައްކަތް ކާމިޔާބުވެ ކުންފުންޏަށް ކުރިއެރުންތަކެއް ގެނެވިފައިވާކަމަށެވެ. އޭނާ ވަނީ މި ސަރުކާރުން އެމްޑަބްލިއުއެސްސީއާއި 4 ރަށެއްގެ ފެނާއި ނަަރުދަމާގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހު ހަވާލުކޮށްފައިވާކަންވެސް ފާހަގަކުރައްވާފައެވެ. އާޒިމް ވިދާޅުވީ، މި ޕްރޮޖެކްޓްތަކުގެ ޑީޓެއިލް ސަރވޭގެ މަސައްކަތް ނިންމާ، ލޭންޑް އެޕްރޫވަލް މަސައްކަތްތަކަތް ނިމި ކޮންސެޕްޓް ޑިޒައިންނަށް އީޕީއޭގެ އެޕްރޫވަލް ލިބި އީއައިއޭ މަސައްކަތް ފަށާފައިވާކަމަށެވެ.

އާޒިމް ވިދާޅުވީ، އެއްފަހަރާ 20 ޕްރޮޖެކްޓް ހިންގޭނެ ކެޕޭސިޓީ މިހާރު އެމްޑަބްލިއުއެސްސީގައި އެބަހުރިކަމަށެވެ. އަދި ކުންފުނީގެ މަސައްކަތުގެ ސްޕީޑް އެތަށް ގުނައަކުން ހަލުވިވެފައިވާކަން އާޒިމް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އާންމުންނަށް ކޮލިޓީ އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުން. އެގޮތުން އެއްފަހަރާ 20 ޕްރޮޖެކްޓް ހިންގޭނެ ކެޕޭސިޓީ މިހާރު ކުންފުނީގައި އެބަހުރި. އަޅުގަނޑުމެންނާއި މިއަހަރު މެދުތެރޭ 4 މަޝްރޫޢޫއެއް ހަވާލުކުރުމުން އެކަމުގެ މަސައްކަތް ދާ ސްޕީޑުންވެސް މިކަން ހާމަވޭ. އެގޮތުން ޑިޒްން މަސައްކަތަށް ނަގާ 6 މަސް މިހާރު 2 މަހުން ކުރެވޭ. މިއީ 4 މަހުގެ އަވަސްވުމެއް." އާދަމް އާޒިމް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީއިން އދ. ހަންޏާމީދޫގެ ފެނުގެ ނިޒާމު ޑިޒައިން ހެދުމާއި، މި ނިޒާމު ޤާއިމުކުރުމާއި ހަވާލުވުމާއެކު އެކުންފުނިން މިހާރު 5 ޕްރޮޖެކްޓެއް ދަނީ ހިންގަމުންނެވެ. އެގޮތުން ބ. ގޮއިދޫ، ރ. ކިނޮޅަސް، ނ. ކުޑަފަރި އަދި ނ. މާޅެންދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމަށް އެމްޑަބްލިއުއެސްސީއާއި މިހަރުގެ މެދުތެރޭގައި ވަނީ ހަވާލުކޮށްފައެވެ.