ޚަބަރު

ފިނޭއާއި ފޯކައިދޫގައި އާ އިންޖީނުގެއެއް އިމާރާތްކުރުމަށް ހަވާލުކޮށްފި


ށ.ފޯކައިދުއާއި، ހދ.ފިނޭގައި އާ އިންޖީނުގެ އިމާރާތްކުރުމަށް 2 ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

ށ.ފޯކައިދޫގައި އިންޖީނުގެ އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ ވަލީދް ކޮންސްޓްރަކްޝަންއާއެވެ. ފޯކައިދޫގައި އިންޖީނުގެ އިމާރާތްކުރުމަށް ވަލީދް ކޮންސްޓްރަކްޝަންއާއި ހަވާލުކޮށްފައިވަނީ 5.6 މިލިއަަން ރުފިޔާއަށެވެ. މި އެއްބަސްވުމުގެ ދަށުން ފޯކައިދޫ އިންޖީނުގޭގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރީލް މަހަށް ނިންމަންޖެހެއެވެ.

ހދ.ފިނޭގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އަގަކީ 5.2 މިލިއަން ރުފިޔާއެވެ. ހދ.ފިނޭ އިންޖީނުގޭގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗްމަހުއެވެ.

މި ޕްރޮޖެކްޓުގެ ދަށުން ފޯކައިދުއާއި ފިނޭގައި އިންޖީނު ބެހެއްޓުމަށާއި އިދާރީ މަސައްކަތް ކުރުމަށް އޮފީހެއް ހެދުމަށްވަނީ ހަމަޖެހިފައެވެ.

ފެނަކައިންދަނީ ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި އިންޖީނުގެތައް މީހުން ނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސްވަނީ ގިނަ ރަށްތަކެއްގެ އިންޖީނުގެ މީހުން ނޫޅޭ ސަރަޙައްދަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.