ކުޅިވަރު

ނޭޕާލް ބަލިކުރެވޭނެ ފެންވަރު ރާއްޖޭގެ ޓީމުގައި އެބަހުރި: ނުހާ


ނޭޕާލްއަކީ ބަލި ނުކުރެވޭވަރުގެ ޓީމެއް ނޫން ކަމަށާއި ފަރުވާ ބަހައްޓައިގެން ކުޅެފިނަމަ ރަންމެޑަލް ހޯދޭނެކަމަށް ސީނިއާ އަންހެން ގައުމީ ވޮލީބޯޅަ ޓީމުގެ ލިބަރޯ ނުހާ ވަހީދު ބުނެފިއެވެ.

އޭވީސީ ސެންޓްރަލް ޒޯން ސީނިއާ އަންހެން ވޮލީބޯޅަ މުބާރާތުގެ ލީގުބުރުގެ ފަހުމެޗުގައި ނޭޕާލް އާއި ދެކޮޅަށް ވާދަކުރި މެޗުގައި ރާއްޖެ ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ. މިމެޗަށް ނިކުތް އިރުގައިވެސް މުބާރާތުގެ ފައިނަލުގައި ވާދަކުރާނީ ނޭޕާލް އާއި ރައްޖެކަން އޮތީ ކަށަވަރުވެފައެވެ.

މެޗަށޤފަހު ވާހަކަ ދައްކަމުން ނުހާ ވަހީދު ބުނީ، ނޭޕާލް މެޗުގައި ބޮޑަށް ބެލީ އެޓީމުގެ އެޓޭކިން ސްތައިލް ދެނެގަނެ އެޓީމު ހިފެހެއްޓޭނެ ގޮތްތަށް ހޯދަން ކަމަށާއި، ފައިނަލްގައި ނޭޕާލް ބަލިކުރެވޭނީ ވަރަށް ފަރުވާ ބަހައްޓައިގެން ކުޅެގެން ކަމަށެވެ. އަދި އެޓީމުގެ އެޓޭކިންގައި ބޮޑަށް ބޭނުންކުރާ ކުޅުންތެރިން ދެނެގަނެވިއްޖެކަމަށްވެސް ނުހާ ބުންނެވެ.

ނުހާ ބުނީ ނޭޕާލް ކުޅެނީ ވަރަށް އަވަސް ގޭމެއް ކަމަށާއި ރާއްޖެއަށް ބޭނުންވަނީ އެޓީމުގެ އަވަސް އެޓޭކުތަކަށް ސަމާލުވެގެން ރިސީވްގައި ފަރުވާ ބަހައްޓައިގެން ކުޅުން ކަމަށެވެ. އެގޮތަށް ކުޅެފިނަމަ ނޭޕާލްއަކީ ބަލި ނުކުރެވޭނެ ޓީމެއް ނޫން ކަމަށާއި ވަރުގަދަ ފައިޓެއްދީ މުބާރާތް ކާމިޔާބު ކުރެވޭނެ ގާބިލްކަން ދިވެހި ޓީމުގައި އެބަހުރިކަމަށް އޭނާ ބުންޏެވެ.

"އަސްލު މިއަދު ބޮޑަށް މި ވިސްނީ އެޓީމުގެ ކުޅުން ދެނެގަންނަން، ވަރަށް ރަނގަޅަށް ބަލައިފިން އެމީހުން އެޓޭކިންގަ ބޮޑަށް ބޭނުންކުރަނީ ކޮން ކުޅުންތެރިންތަކެއް ކަންވެސް. އަސްލު ވަރަށް ފާސްޓު އެމީހުންގެ ގޭމް. އެހެންވީމަ އަހަރުމެން އެބަޖެހޭ ފައިނަލް މެޗުގަ އެމީހުންގެ އަވަސް އެޓޭކްތަކަށް ސަމާލުވާން، ރިސީވްގަ ފަރުވާ ބަހައްޓައިގެން ކުޅެފިއްޔާ ވިން ވެވޭނެ. ގޯލްޑް ހޯދޭނެ ޕޮޓޭންޝިއަލް އެބަހުރި.." ނުހާ ވަހީދު ބުންޏެވެ.

ނުހާ ބުނީ ފައިނަލް މެޗުގައި މިމެޗަށްވުރެ ދެގުނަ މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި، ނޭޕާލްކަހަލަ ވަރުގަދަ ޓީމެއް ބަލިކުރެވޭނީ ވަރަށް މަސައްކަތްކޮށްގެން ކަމަށެވެ.