ޚަބަރު

ސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު އަރީފާ ހަވާލުކޮށްފި


އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ސަސްޕެންޑްކުރުމާ ގުޅިގެން ސުޕްރީމް ކޯޓު ހިންގެވުމަށް ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ އަރީފާ ހަވާލު ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ސަސްޕެންޑްކުރުމުގެ އިތުރުން އެ ދެ ބޭފުޅުން ފަނޑިޔާރުކަމުގެ މަޤާމުން ވަކިކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުމަށްވެސް ޖޭއެސްސީން މިއަދު ވަނީ ނިންމާފައެވެ.

އެ ކޮމިޝަނުން މި ގޮތައް ނިންމެވީ އެ ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން އެ ކޮމިޝަނުން ތަޙްޤީޤުކުރި ސުލޫކީ މައްސަލަ އެ ދެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވާ ކަމަށް ތަޙްޤީޤު ކޮމެޓީން ނިންމެވި ނިންމެވުމަށްފަހުއެވެ.

ސުޕްރީމް ކޯޓްގެ ހަތަރު ފަނޑިޔާރެއްގެ 51 މައްސަލައެއް ބަލަމުން އަންނަކަންވެސް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިންވަނީ އިއްޔެ ހާމަކުރައްވާފައެވެ.