ސިޔާސީ

ޖޭއެސްސީގެ ރައީސަކަށް ހިސާން ޙުސައިން


ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސްގެ މަޤާމުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ އަރީފް އިސްތިއުފާ ދެއްވުމާ ގުޅިގެން ޖޭއެސްސީގެ ރައީސަކަށް މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާފައިވާ މެމްބަރު ޙިސާން ޙުސައިން ހަމަޖައްސައިފިއެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައިވަނީ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ އަރީފް އިސްތިއުފާ ދެއްވުމާގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 7ވަނަ މާއްދާގައިވާ ފަދައިން މިކޮމިޝަންގެ ރައީސްކަމަށް، ރައްޔިތުން މަޖްލިސްގެ މެމްބަރުންގެ ތެރެއިން މަޖުލިހުން މިކޮމިޝަނަށް ކަނޑައަޅާފައިވާ މެމްބަރު އަލްއުސްތާޛާ ޙިސާން ޙުސައިން ޢައްޔަނުކުރުމަށް ނިންމާފައިވާކަމަށެވެ.

ޖޭއެސްސީގެ ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވައި އަރީފްވަނީ މިއަދު ޖޭއެސްސީއަށް ސިޓީ ފޮނުއްވާފައެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައެއްނުވެއެވެ.

ޖޭއެސްސީން ދަނީ ސްޕްރީމް ކޯޓުގެ ފަޑިޔާރު ޢަބްދުﷲ އަރީފްވެސް ހިމެނޭގޮތަށް ސްޕްރީމްކޯޓުގެ 4 ފަޑިޔާރެއްގެ މައްސަލަ ބަލަމުންނެވެ. ސުޕްރީމް ކޯޓްގެ ހަތަރު ފަނޑިޔާރެއްގެ 51 މައްސަލައެއް ބަލަމުން އަންނަކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިންވަނީ އިއްޔެ ހާމަކުރައްވާފައެވެ.

މިމައްސަލަތަކުގެ ތެރޭގައި ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ 14 މައްސަލައެއް ބަލަމުންދާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.