ޚަބަރު

ޖޭއެސްސީގެ ރައީސްކަމުގެ މަޤާމުން އަރީފް އިސްތިއުފާދެއްވައިފި


ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ އަރީފް އިސްތިއުފާ ދެއްވައިފިއެވެ.

ޖޭއެސްސީގެ ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވައި އަރީފްވަނީ މިއަދު ޖޭއެސްސީއަށް ސިޓީ ފޮނުއްވާފައެވެ. އަރީފް ޖޭއެސްސީގެ ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވިކަން ޖޭއެސްސީގެ ސެކެރެޓަރީ ޖެނެރަލްވެސްވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައެއްނުވެއެވެ.

ޖޭއެސްސީން ދަނީ ސްޕްރީމް ކޯޓުގެ ފަޑިޔާރު ޢަބްދުﷲ އަރީފްވެސް ހިމެނޭގޮތަށް ސްޕްރީމްކޯޓުގެ 4 ފަޑިޔާރެއްގެ މައްސަލަ ބަލަމުންނެވެ. ސުޕްރީމް ކޯޓްގެ ހަތަރު ފަނޑިޔާރެއްގެ 51 މައްސަލައެއް ބަލަމުން އަންނަކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިންވަނީ އިއްޔެ ހާމަކުރައްވާފައެވެ.

ޖޭއެސްސީން ވިދާޅުވީ ސުޕްރީމް ކޯޓްގެ ހަތަރު ފަނޑިޔާރުން ހިމެނޭ 51 މައްސަލައެއް މިހާރު ބަލަމުން އަންކަމަށާއި، އެއީ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީގެ 18 މައްސަލައަކާއި، ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ 14 މައްސަލައަކާއި، ފަނޑިޔާރުއ ާދަމް މުޙައްމަދު ޢަބްދުﷲގެ 16 މައްސަލައިގެ އިތުރުން ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ތިން މައްސަލަކަމަށެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި، ވެރިކަން ހިންގުމުގެ ބާރަށާއި، ދަށު ކޯޓްތަކަށް ތަކުރާރުކޮށް އިންޒާރުދިނުމާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނާއި ޖޭއެސްސީގެ މައްސައްކަތްތަކަށް ހުރަސްއެެޅުން ހިމެނޭކަމަށެވެ.

ޖޭއެސްސީން ވަނީ މި ޝަކުވާތައް ރައްޔިތުން އުފުލާތާ ދިހަވަރަކަށް އަހަރުވެފައިވާކަމަށާއި، ރާއްޖޭގެ ޝަރުޢީ ދާއިރާއާއި ގުޅޭގޮތުން ބޭރުގެ ބައެއް ފަނޑިޔާރުން އެކުލަވާލާފައިވާ ރިޕޯޓްތަކުންވެސް އެކަން ހާމަވެފައިވާކަމަށެވެ.