ޚަބަރު

ރައްޔިތުން ޓެކްސް ދައްކަނީ ކުންފުނިތަކަށް ބަދަލުދޭކަށްނޫން - ޢަލީ އާޒިމް


ދައުލަތަށް ލިބޭ ޢާމްދަނީގެ އެންމެބޮޑު ބައެއް ޙިއްސާކުރަނީ ރައްޔިތުންގެ އަތުންނަގާ ޓެކުހުންކަމަށާ، އެފައިސާއިން ކުންފުނިތަކަށް ބަދަލުގެގޮތުގައި ދެވިގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ބަޖެޓަށް ބަހުސްކުރައްވަމުން ހުޅުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާާޒިމް ވިދާޅުވީ، ދައުލަތް ހިންގުމަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ޙީއްސާކުރަނީ ޓެކުހުން ލިބޭ ޢާމްދަނީންކަމަށާ، ބަޖެޓްގެ 59 އިންސައްތައަކީ ޓެކްސްއިން ލިބޭ ފައިސާކަމަށެވެ. އާޒިމްވަނީ ރައްޔިތުންގެއަތުން ނަގާ ޓެކްސް ފައިސާ ހޭދަކުރަންޖެހޭނީ ރައްޔިތުންނަށް ޚިދުމްތް ކުރުމަށްކަމަށްވެސް ވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ ހުރިހާ ވުޒާރާއަކުންނާއި އިދާރާއަކުންވެސް ޚަރަދުކުރަންޖެހޭނީ ރައްޔިތުން ބޭނުންވާގޮތަށް ވަކި އުސޫލަކުންކަމަށެވެ. އަދި އެއިދާރާތަކުގެ ޚިދުމަތްތައް ބިނާވެފައިވަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާއިންކަމަށްވުމުން، އެފައިސާ ޚަރަދުކުރަންވެސްވާނީ ރައްޔިތުން އެދޭގޮތަށްކަމަށެވެ. އެގޮތަކީ މަޖިލީހުން ފާސްކުރާ ބެޖެޓުގައި އޮތްގޮތަށް ހޭދަކުރުންކަމަށެވެ.

"އަޅުގަނޑުމެން މިބަޖެޓް މިދޫކޮށްލަނީ މިނިސްޓަރުންނަށް، ކުންފުނިތަކުގެ ވެރިންނަށް، މޭޔަރުންނަށް، ކައުންސިލަރުންނަށް އެމީހުން ހިތުހުރިގޮތަކަށް ބޭނުންގޮތަކަށް ބަޖެޓް ތަޅާ ދުއްވާލާކަށްނޫން. މިއީ ރައްޔިތުންގެ ފައިސާ. ރައްޔިތުންގެ ފައިސާ ހޭދަކުރަންވާނީ ވަކި އުސޫލަކުން ވަގި ގޮތްތަކުގެ މަތިން ރައްޔިތުން ބޭނުންވާގޮތަށް. މި މަޖިލީހުން ނިންމާގޮތަށް. އިސްރާފް ނުވާގޮތަށް." އާޒިމް ވިދާޅުވިއެވެ.

ޢަލީ އާޒިމްވަނީ ބަޖެޓްގައި ބަދަލުގެގޮތުގައި ދިނުމަށް އެއްވެސް ފައިސާއެއް ހިމަނާފައިނުވާނަމަ އެފައިސާއެއް ބަދަލުގެގޮތުގައި ދެވިގެން ނުވާނެކަމަށްވެސް ވިދާޅުވެފައެވެ. އާޒިމް މިހެން ވިދާޅުވިޔަސް ކުންފުނިތަކަށާއި އެހެނިހެން ގޮތްގޮތުންލިބޭ ގެއްލުންތަކަށް ބަދަލުގެ ގޮތުގައި ދިނުމަށް އެއްބިލިއަނަށްވުރެ ގިނަ ރުފިޔާ ބަޖެޓްގައި ކަނޑައަޅާފައިވެއެވެ.

"އެކަން ހިމަނާފައި އޮވެއްޖާ އެ ހިމަނާފައި އޮތް މިންވަރަށް އެންމެ ފައިސާ ފޮއްޗެއްވެސް ދިނުމަކީ އަޅުގަނޑުމެން ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބޭ މީހުން ޤަބޫލުކުރާނެ ގޮތެއްނޫން. އެހެންވީމަ ބަދަލު ފައިސާ ދިނުމަކަށް ނޫން ރައްޔިތުން ޓެކްސް މި ދައްކަނީއެއް. ރައްޔިތުން ފައިސާދައްކަނީ ރައްޔިތުން ބޭނުންވާ ޚިދުމަތަށް ލިބޭނޭގޮތަށް ކަންކަން ކުރުމަށް." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވާގޮތަށް ފައިސާ ހޭދަކުރުމަކީ ޑިމޮކްރަސީކަމަށެވެ. އަދި ދައުލަތުގެ އިސްރާފު މަދުކޮށް ޚިޔާނާތް މަދުކުރުމަށް ދައުލަގެ ނިޒާމްތައް މިހާރަށްވުރެ ވަރުގަދަކުރުމަށް ކުރަންޖެހޭ ވަރަށްގިނަ ކަންކަން އެބަހުރިކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ޤާނޫނުތަކަށާއި ޤަވާއިދުތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަންޖެހޭކަމަށާއި، ޚާއްޞަކޮށް މާލިއްޔަތު ޤާނޫނަށް ބަދަލު ގެންނަންޖެހިފައިވާކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.