ޚަބަރު

ފަރުތަކަށް ގެއްލުންވާގޮތަށް އަދިވެސް ރަށްރަށުގެ ފަރުތަކަށް ނަޖިސް ބޭރުކުރޭ، އެކަން ހުއްޓަން ޖެހޭ - އެންވާރަމެންޓް މިނިސްޓަރ


ފަރުތަކަށް ގެއްލުންވާގޮތަށް ފަރުތަކަށް ނަޖިސް ބޭރުކުރާ ރަށްރަށާއި ރިސޯޓުތައް އަދިވެސް ރާއްޖޭގައި އެބަހުރިކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ މިކަމަށް ހޯދަން އޮތް ހައްލަކީ އަގު ބޮޑުކަމެއް ނަމަވެސް މިއީ ދޫކޮށްލަންޖެހޭ ފަދަ ކަމެއް ނޫންކަމަށާއި މިފަދަކަންކަން ހައްލުކުރަންޖެހޭކަމަށެވެ.

ގްރީން ކްލައިމެޓު ފަންޑު ކޮންފަރެންސް އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ ފަރުތަކަށް ގެއްލުންވާކަންކަން އަދިވެސް ބައެއް ރަށްރަށުގައި ކުރަމުންދާކަމަށެވެ. އެގޮތުން ފަރުތަކަށް ނަޖިސް ބޭރުކުރުމާއި ފަރަށް ކުނި އެޅުމުގެ އާދަ އަދިވެސް ދިވެހިންގެ ކިބައިން ނެތެމުން ނުދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި ބައެއް ފަރާތްތަކުން ތިމާވެއްޓަށް ގެއްލުން ނުވާގޮތަށް ނަޖިސް ނައްތާލުމަކީ އަގުބޮޑުކަމެއް ކަމަށް ދެކޭ ކަމަށާއި އެއީ އެންމެ ބުއްދިވެރިގޮތް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ފަރުތައް މަރުވެ ގުދުރަތީ ގޮތުން ރަށް ޙިމާޔަތްކުރާ ނިޒާމު ހަލާކުވެގެން ހިނގައިދާނެކަމުގެ ބިރު އެބައޮތްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ތިމާވެށީގެ ގޮތުން ގިނަ މައްސަލަތަކެއް ކުރިމަތިވަމުން އަންނައިރު ތިމާވެއްށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަންޖެހޭ ޚަރަދު އިތުރުކުރަންޖެހޭކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވަނީ ބޭރުގެ އެހީ ހޯދުމަށް ހުރި ގޮންޖެހުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލަރުން ބައިވެރިވި ގްރީން ކްލައިމެޓު ފަންޑު ކޮންފަރެންސަކީ އދ.ގެ ތިމާވެއްޓާއި ބެހޭ މުއާޙަދާގެ ދަށުން އެކުލަވާލާފައިވާ ގްރީން ކްލައިމެޓު ފަންޑު(ޖީސީއެފް)އިން ރާއްޖެއަށް އެހީ ހޯދުމަށް ރާއްޖެއިން އިސްކަންދޭނެކަންކަން ކަނޑައެޅުމަށް ކުރިއަށްގެންދާ ކޮންފަރެންސެކެވެ. އެގޮތުން މި ކޮންފަރެންސްގައި ކުރިއަށް އޮތް 5 އަހަރު ރާއްޖެއިން އިސްކަން ދޭނެކަންކަން ކަނޑައަޅާ އދ.ގެ ގްރީން ކްލައިމެޓު ފަނޑުގެ އެހީ ހޯދުމަށް މަސައްކަތްކުރުމަށްވަނީ ނިންމާފައެވެ.