ޚަބަރު

ބަޖެޓްގައި ކަނޑައަޅާ މިންވަރާ ގާތައްވެސް ފާއިތުވެދިޔަ ތަނުގައި ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގިފައިނުވޭ - އެމްއެމްއޭ


ނިމިދިޔަ އަހަރުތަކުގައި ޕީއެސްއައިޕީގެ ގޮތުގައި ހިންގުމަށް ބަޖެޓްގައި ކަނޑައަޅާ މިންވަރާ ގާތައްވެސް މަޝްރޫޢުތައް، ހިންގިފައި ނުވާކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭގެ ބޭފުޅުންނާކު ބަޖެޓް ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމްއެމްއޭގެ އެގްޒެކެޓުވް ޑިރެކްޓަރ އަޙްމަދު ޢިމާދު ވިދާޅުވީ ކޮންމެ އަހަރަކުވެސް ގިނަ މަޝްރޫޢުތައް ހިންގުމަށް ދައުލަތުގެ ބަޖެޓްގައި ހިމަނާކަމަށެވެ. އެގޮތުން ނިމިދިޔަ ތިން އަހަރަށް ބަލާއިރު ބަޖެޓުގައި ހިމަނާފައިވާ މަޝްރޫޢުތަކާ، ގާތަށްވެސް މަޝްރޫޢުތައް ހިންގިފައި ނުވާކަމަށް ޢިމާދު ވިދާޅުވިއެވެ.

ނިމިދިޔަ އަހަރުތަކެކޭ އެއްގޮތަށް އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓަގަޒއިވެސް ޕީއެސްއައިޕީގެ ޕްރޮޖެކްޓްސްތައް ރެކޯޑް މިންވަރަށް ހިމަނާފައިވާކަމަށް ޢިމާދު ވިދާޅުވިއެވެ. ކުރީގައި ޕްރޮޖެކްޓްސްތައް ނުހިންގި ދިމާވި އެންމެ ބޮޑު މައްސަލައެެއްކަމަށް ދެކެނީ ޕްރޮޖެކްޓްސްތައް ހިންގޭނެ ކެޕޭސިޓީއާއި، ރަނގަޅު ޕްލެނެއް ނެތުންކަމަށް އިމާދު ވިދާޅުވިއެވެ.

އަންނަ އަހަރަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓްސްތަކުގެ ތެރެއިން ޕީއެސްއައިޕީގައި ކަނޑައަޅާފައިވާ މަޝްރޫޢުތައް ހަރުދަނާ ގޮތެއްގައި ހިންގުމަށް މިކަމަށް ޚާއްސަކޮށްގެން ޕްލެއިންނިން މިނިސްޓްރީ އުފެއްދެވިކަމީ ޕްރޮޖެކްޓްސްތައް ކުރިއަށް ދާނެކަމާއިމެދު ކުރެވޭ އުންމީދު ބޮޑު ކަމެއްކަމަށް އިމާދު ވިދާޅުވިއެވެ.

މި އަހަރުގެ ބަޖެޓުގެ އެންމެ މުހިންމު އެއް އަމާޒަކީ ރާއްޖެ އަށް ބޭނުންވާ އަސާސީ، އުމްރާނީ ވަސީލަތްތައް ގާއިމު ކުރުންކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ. އަދި މިއީ، ރާއްޖޭގައި މިހާތަނަށް ހުށަހަޅާ އެންމެ ބޮޑު ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ހިމެނޭ ބަޖެޓެވެ. ޕީއެސްއައިޕީ ޕްރޮގްރާމްތައް އެކި ސަރަހައްދުތަކުގައި ހިންގަން ދިހައެއް ޕޮއިންޓު ދޭއް ބިލިއަން ރުފިޔާ މި ފަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.