ވިޔަފާރި

ބޭންކްރަޕްސީ ޤާނޫނެއް ހެދުމަށް އަންނަ އަހަރު މަޖިލީހަށް ހުށައަޅާނަން - ފައްޔާޒު


މާލީ މައްސަލަތަށް އަވަހަށް ހައްލުކުރުމުގެ ގޮތުން ބޭންކްރަޕްސީ ޤާނޫނަކާއި އިންސޮލްވެންސީ ގާނޫނެއް މަޖިލީހަށް ހުށައަޅުއްވާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ބީއެމްއެލްއިން މާލޭގައި ހުޅުވި ފުރަތަމަ ބިޒްނަސް ސެންޓަރު ހުޅުވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާސު އިސްމާއިލް ވިދާޅުވީ، މިއަންނަ އަހަރުގެ ކުރީކޮޅު ބޭންކްރަޕްސީ ޤާނޫނަކާއި އިންސޮލްވެންސީ ގާނޫނެއް މަޖިލީހަށް ހުށައަޅުއްވާނެކަމަށެވެ.

މާލީ މައްސަލަތައް ހައްލުކުރުމަށް މިހާރު ކޯޓުތަކުގައި ދިގު މުއްދަތެއް ނަގާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު މިފަދަ މައްސަލަތައް ދިގުދެމިގެންގޮސް ބެންކާއި، ލޯނުނެގިފަރާތާއި، މޯގޭޖްކުރި ފަރާތާއި، ގެރެންޓަރވެސް މިކަމުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިޤާނޫނު ވެގެންދާނީ މިފަދަ މައްސަލަތަކަށް އަވަސް ހައްލެއް ލިބިގެންދާނެ ޤާނޫނަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ކުރީކޮޅުގައި އިންސޮލްވެންސީ ޤާނޫނަކާއި ބޭންކްރަޕްސީ ޤާނޫނެއް މަޖިލީހަށް ހުށައަޅާނަން. އޭގެސަބަބުން އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މި ދެންނެވި ކަހަލަ ޒަމާންވީ ކަންކަމަށް ހައްލެއް ލިބިގެންދާނެ. ލޯނު ނެގިފަރާތަށްވެސް، ލޯނު ނުދެއްކިގެން އުޅޭ ފަރާތަށްވެސް ބެންކަށްވެސް، އަދި އިންވެސްޓަރުންނަށްވެސް ޔަޤީންކަން އިތުރުވެގެންދާނެ." އިކޮނޮމިކް މިނިސްޓަރ ފައްޔާސު އިސްމާއިލް ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތްކުރަނީ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކުރުމަށްކަމަށް ފައްޔާޒު ވިދާޅުވިއެވެ. ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މި ސަރުކާރުން ވަނީ އެސްއެމްއީ ބެންކެއްވެސް އުފައްދާފައެވެ. މި ބެންކުން މިހާތަނަށް ގިނަ ވިޔަފާރިތަކެއް ފެށުމަށް ވަނީ އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ.