ޚަބަރު

އޮސްޓްރޭލިއަން މެރިޓައިމް ސޭފްޓީ އޮތޯރިޓީއަށް މިނިސްޓަރ މާރިޔާ ޒިޔާރަތްކުރައްވައިފި


ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، އޮސްޓްރޭލިއަން މެރިޓައިމް ސޭފްޓީ އޮތޯރިޓީއަށް ޒިޔާރަތްކުރައްވައިފިއެވެ.
 
މި ޒިޔާރަތުގައި ޑިފެންސް މިނިސްޓަރ ވަނީ، އެ އޮތޯރިޓީގެ ސީއީއޯ މިކް ކިންލީ އާ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި، ދެބޭފުޅުން މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންސްއާއި، އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންއާއި، ކަނޑުން ދަތުރުކުރާ އުޅަނދުތަކާއި މަނަވަރުތަކުގެ ރައްކާތެރިކަމާއި، ކަނޑުތައް ތަޣައްޔަރުވުމުން ސަލާމަތްކުރުމާއި، މެރިޓައިމް ސޭފްޓީގެ ދާއިރާގައި އަންހެނުންގެ ދައުރާ ބެހޭގޮތުންނެވެ.

ޑިފެންސް މިނިސްޓަރ މާރީޔާ އޮސްޓްރޭލިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރ ވަނީ އެ ޤައުމުގެ ޗީފް އޮފް ޑިފެންސް ފޯރސް ލެފްޓިނެންޓް ޖެނެރަލް އެންގަސް ކޭމްޕްބެލްއާއިވެސް ބައްދަލުކުރައްވާފައެވެ.

އޮސްޓްރޭލިޔާގެ ޑިފެންސް މިނިސްޓްރީގައި ހުންނަ ލެފްޓިނެންޓް ޖެނެރަލް ކޭމްޕްބެލްގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، ދެބޭފުޅުންވަނީ އޮސްޓްރޭލިޔާއާއި ދިވެހިރާއްޖެއާ ދެމެދު، ޑިފެންސް ސެކްޓަރގައި އޮތް ގުޅުން އިތުރަށް ފުޅާކޮށް، ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު އިތުރަށް ޒަމާނީކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.