 
										
			ބެޑް ޗާޖު އުވާލާ މެމްބަރޝިޕް ފީ %50 އަށް ކުޑަކުރުމަށް އެމްއެމްޕީއާރްސީން ނިންމައިފިއެވެ. 
ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވިދާޅުވީ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެކުންފުނިން ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވުމަށް އެކުންފުނިން ވަރަށް ކުރީއްސުރެވެސް މެމްބަރޝިޕް ފީއެއް ނަގާކަމަށެވެ. އެހެންނަމަވެސް ފީ ބޮޑުވުމާއެކު އެމްއެމްޕީއާރްސީގެ ފެއަރތަކާއި އެކި ރޯޑްޝޮވތަކުގައި ބައިވެރިވުމަށް ގިނަ ކުންފުނިތަކަށް ދަތިވާކަމަށް އޭނާ ވިދާޅުވިއެވެ. 
އެހެންކަމުން މިކަން ހައްލުކުރުމަށްޓަކައި މެމްބަރޝިޕްގެ ގޮތުގައި އެކުންފުނިން ނަގާ ފީ ފަންސާސް އިންސައްތަ ކުޑަ ކުރުމަށް ނިންމާފައިވާކަމަށް ތޮއްޔިބު ވިދާޅުވިއެވެ. 
"އެމްއެމްޕީއާރްސީގެ މެމްބަރޝިޕް ފީއެއް އޮންނާނެ. އެމްއެމްޕީއާރްސީއިން ކުރާ ކަންތައްތަކުގައި ބައިވެރިވެވޭނީ މެމްބަރުންނަށް. މިހާތަނަށް ފީގެ ގޮތުގައި ނަގަމުންދިޔައީ ވަރަށް ބޮޑު މިންވަރެއް. %50 ޓޫރިސްޓް ރިސޯޓުތަކަކީ އަޅުގަނޑުމެންގެ މެމްބަރުންނެއް ނޫން. އަޅުގަނޑުމެންގެ ބޯޑަށް ވިސްނުނީ މެމްބަރޝިޕްފީ މާ ބޮޑުކަމަށް. " ތޮއްޔިބު ވިދާޅުވިއެވެ. 
އެމްއެމްޕީއާރްސީއިން މެމްބަރޝިޕް ފީގެ ގޮތުގައި ކުރިން ނަގަމުންއައީ ރިސޯޓަކުން ކޮންމެ އަހަރަކު 1500 ޑޮލަރު، ސަފާރީ އަދި ގެސްޓްހައުސްއިން 1000 ޑޮލަރު އަދި ކޮންމެ ބެޑަކަށް 40 ޑޮލަރެވެ. 
މެމްބަރޝިޕް ފީއިން %50 ހެޔޮކުރުމާއެކު ރިސޯޓުތަކުގެ އަތުން ދެން ނަގާނި 750 ޑޮލަރު، ގެސްޓްހައުސްތަކުން 250 ޑޮލަރު އަދި ސަފާރީތަކުން 250 ޑޮލަރެވެ. މިއާއެކު ބެޑްފީގެ ގޮތުގައި ނަގަމުންއައި 40 ޑޮލަރު ނުނަގާނެކަމަށް ވެސް ތޮއްޔިބު ވިދާޅުވިއެވެ. 
މި ފީއަށް ބަދަލުގެނައި ނަމަވެސް ފެއަރތަކުގައި ބައިވެރިވުމަށް ނަގާ ފީ ވަކިން ނަގަމުންދާނެކަމަށް ވެސް ތޮއްޔިބު ވިދާޅުވިއެވެ. 
މެމްބަރޝިޕް ފީ އަގުހެޔޮކުރުމަށް ނިންމާފައިވަނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ. މިއާއެކު އެމްއެމްޕީއާރްސީއާއި ގުޅިގެން ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ފުރުސަތު ގިނަ ކުންފުނިތަކަށް ލިބިގެންދާނެކަމަށް އެކުންފުނިން ބުނެއެވެ. 
އެމްއެމްޕީއާރްސީއަކީ ރާއްޖޭގައި ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި އެންމެ ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ކުންފުންޏެވެ. މިއަހަރުގެ ތެރޭ އެމްއެމްޕީއާރްސީއިން ވަނީ ލިވަރ ބޯޑުތަކާއި ސަފާރި އުޅަނދުފަހަރުތަކަށް އެކުންފުނިން ބޭރު ޤައުމުތަކުގައި ކުރިއަށްގެންދާ ފެއަރތކުގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.