ޚަބަރު

އަންނަމަހުގެ ކުރީކޮޅު އާޤާނޫނު ތަސްދީޤް ނުކުރެވިއްޖެނަމަ އިންތިޚާބު ފަސްކުރަން ޖެހިދާނެ - ޝަރީފް


ޑިސެމްބަރުމަހުގެ ފުރަތަމަ ހަފްތާގައި ލާމަރުކަޒީ ޤާނޫނު ތަސްދީޤް ނުކުރެވިއްޖެނަމަ، ކަނޑައެޅިފައިވާ މުއްދަތުގައި ކައުންސިލް އިންތިޚާބު ނުބޭއްވޭނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެެވެ.
ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާޙުތަކާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން އިލެކްޝަން ކޮމިޝަނާއެކު ބޭއްވި ބައްދަލުވުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ޤާނޫނުގައި ބުނާ މުއްދަތުގައި އިންތިޚާބު ބޭއްވުމަށް އިލެކްޝަނުން ޝެޑިއުލް ކޮށްފައިވާކަމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ޤާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާޙުތައް ފާސްކޮށް ޤާނޫނު ތަސްދީޤުކުރުން ޑިސެމްބަރު މަހުގެ ފުރުތަމަ ހަފްތާއަށްވުރެ ލަސްވެއްޖެނަމަ އިންތިޚާބް ބާއްވަން ކަނޑައަޅާފައިވާ ތާރީޚުގައި ނުބޭއްވޭނެކަމަށެވެ. ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާޙުތަކާއެކު ޢާންމު އިންތިޚާބުގެ ޤާނޫނަށާއި، އިންތިޚާބާއި ބެހޭ ޤާނުނަށް ބަދަލު ގެންނަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.

" އިންތިޙާބް ބޭއްވުމަށް ޤާނޫނުގައި ބުނާ މުއްދަތުގައި ބޭއްވުމަށްޓަކައި އަޅުގަނޑުމެންވާނީ ތާވަލްކޮށްފަ. އެއީ އޭޕްރީލް ފުރަތަމަ ހަފްތާގަ. ނަމަވެވެސް މިހާރު ލާމަރުކަޒީ ޤާނޫނަށް މިގެންނަ އިސްލާޙުތަކާއިއެކު ޤަނޫނު ތަސްދީޤުކުރުން ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާއަށްވުރެ ލަސްވެއްޖެނަމަ އިންތިޚާބް ބާއްވަން ކަނޑައެޅި މުއްދަތުގައި އިންތިޚާބް ނުބޭއްވޭނެ" ޝަރީފް ވިދާޅުވިއެވެ.

ޝަރީފްވަނީ ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަކީ ވަރަށް ބޭނުންތެރި މުހިންމު އިސްލާހުތަކެއްކަމަށް، ވިދާޅުވެފައެވެ. ވަކިން ޚާއްސަކޮށް ޤާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް ގެންނަ އިސްލާހާ، އެކަށީގެންވާ މަސައްކަތްތަކެއް ކުރުމުގެ ވަގުތު ލިބިގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބުތަކުން ދައުލަތަށް ބުރަބޮޑުވާ ބޮޑުވުމަށް ލުއިގޮތްތަކެއް ހެދުމުގެ ގޮތުން ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެކީގައި ބޭއްވުމަށް ވަރަށްބޮޑަށް ތާއީދު ކުރައްވައި ޝރީފް ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން މި ދެ އިންތިޚާބް އެކީގައި ބޭއްވިއްޖެނަމަ ދައުލަތަށް 50 މިލިޔަނާއި 60 މިލިޔަނާ ދެމެދަކަށް ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.