ސިއްހަތު

ދުވާލެއްގެ މައްޗަށް 300 އަށްވުރެ ގިނަ މީހުން ފިޒިއޮތެރަޕީ ހައްދާ - އައި.ޖީ.އެމް.އެޗް


ދުވާލެއްގެ މައްޗަށް ތިންސަތޭކައަށްވުރެ ގިނަމީހުން ފިޒިއޮތެރަޕީ ހައްދާކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ދަރުމަވަންތަ ހޮސްޕިޓަލުގެ ހަތަރުވަނަ ފަންގިފިލާ ފިޒިއޮތެރަޕީގެ ޚިދުމަތްތަކަށް ޙާއްސަކޮށްފައިވާއިރު، އެތަނަށް އޮންނަ ޑިމާންޑް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއެކު ހުޅުހުޅުގައި ރިއްސުމާއި ގައިގައި ރިއްސުން މިއީ މިހާރު އާއްމުކަމަކަށްވެފައިވާއިރު، މިފަދަ ރިހުންތަކަށް ފަރުވާ ހޯދުމަށް ފިޒިއޮތެރަޕީ ހައްދާ މީހުން ދިވެހިންގެ ތެރޭގައިވެސް މިހާރު މަދެއް ނޫނެވެ.

އައި.ޖީ.އެމް.އެޗްގެ ފިޒިއޮތެރަޕީ ޑިޕާޓްމަންޓަށް އޮތް ޑިމާންޑު ބޮޑުވުމާއެކު، ފިޒިއޮތެރަޕީގެ ޚިދުމަތްތަކަށް ޙާއްސަކޮށްގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އައު ވަސީލަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ. ސަރަޙައްދީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފަދަ ޒަމާނީ ވަސީލަތްތަކެއް އެތަނުގައި ޤާއިމުކޮށްފައިވާއިރު، ފިޒިއޮތެރަޕީއާއި ގުޅުންހުރި 50 އަށްވުރެ ގިނަ ޚިދުމަތް އެތަނުން ލިބެން ހުރެއެވެ.

އައި.ޖީ.އެމް.އެޗްގެ ޕްރިންސިޕަލް ފިޒިއޮތެރަޕިސްޓް އަދި ފިރިއޮތެރަޕީ ޑިޕާޓްމަންޓްގެ ހެޑް ޑރ.ޢާއިޝަތު މަހްފޫޒާ ވިދާޅުވީ، ފިޒިއޮތެރަޕީ ދިނުމުގައި މައިގަނޑުގޮތެއްގައި ބޭނުންކުރަނީ ކަސްރަތުގެ ފަރުވާކަމަށެވެ. އަދި ތަފާތު ވައްތަރުގެ ފިންޏާއި ހޫނު ބޭނުންކޮށްގެން ފަރުވާ ދިނުމާއި، އިލެކްޓްރިކަލް ޓްރީޓްމަންޓްތައް ލިބޭނެ ވަސީލަތްތައް ޤާއިމުކޮށްފައިވާކަމަށް ޑރ. މަހެފޫޒާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިހާރުވެސް 300 އަށްވުރެ ގިނަ މީހުން ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް އެތަނުން ފަރުވާ ހޯދާކަމަށެވެ.

"މިކޮޅުން 50 އަށްވުރެ ގިނަ ޚިދުމަތްތައް ލިބެން އެބަހުރި.. އޭގެތެރޭގައި ތަފާތު ވައްތަރުގެ ކަސްރަތުތައް ލިބެން ހުންނާނެ. ކުޑަކުދިންނަށް ދެވޭ ކަސްރަތު ފަރުވާ، އެކިކަހަލަ ސްޕޯޓްސް އެންޖަރީސްތަކަށް ދެވޭ ޙާއްސަ ކަސްރަތުތަކާއި، އަދި ސްޓްރޯކް ޖެހޭ މީހުންނަށް ނޫނީ ވާގިނެތޭ މީހުންނަށްދެވޭ ކަސްރަތުގެ ފަރުވާވެސް އެބަދެން. އަދި ސިކުނޑިއަށް ލިބޭ ގެއްލުމުގެ ސަބަބުން ހުންނަ އައިބުކަން ފިލުވަންދެވޭ ކަސްރަތުތައްވެސް އެބަދެން.." ޑރ. ޢާއިޝަތު މަހެފޫޒާ ވިދާޅުވިއެވެ.

ޑރ.ޢާއިޝަތު މަހްފޫޒާ ވިދާޅުވީ، ފިޒިއޮތެރަޕީގެ ޚިދުމަތް ހޯދުމަށް އެންމެ ގިނައިން އަންނަނީ ކަނދުރާއާއި، އުނަގަނޑާއި، ކަކުލު ހުޅުގައި ރިހުންފަދަ ކަންކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ޙާއްސަކޮށްގެން ޕްރައިވެޓް އަދި ގްރޫޕް ރިހެބިލިޓޭޝަން ސެޝަންތައް ހިންގަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެ ގިނައީ އުނަގަނޑުގައި ރިއްސާތީ އަންނަ މީހުން.. ޙާއްސަކޮށް އަންހެނުން.. މަސައްކަތް ކުރުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން އެބަޖެހޭ.. އެހެން ނޫނިއްޔާ މިއީ ވަރަށް އާއްމުކަމަކަށްވާނީ.. ގިނައިރު ގުދުވެގެން އޮތުމާއި ބުރަހެލިކޮށް އުޅުމާއި، ބަރުތަކެތި އުފުލުމަކީ މިއީ އުނަގަނޑުގައި ރިއްސުމަށް މަގުފަހިކުރުވާ ކަންކަން.. އަންހެނުންނަށް އެންމެގިނައިން މި ދިމާވަނީ އުނަގަނޑާއި ކަނދުރާގައި ރިއްސުން.. ދެން ކަކުލުގައި ރިއްސާތީ އަންނަ މީހުންވެސް މަދެއްނޫން.. އެ ތިން ކަންތައް އެންމެ އާއްމުކޮށް ފާހަގަވަނީ" ޑރ.ޢާއިޝަތު މަހެފޫޒާ ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 4 ވަނަ ފަންގިފިލާ ފިޒިއޮތެރަޕީގެ ޚިދުމަތްތަކަށް ޙާއްސަކޮށްފައިވާއިރު، އެތަނުގައި ބަލި މީހުން ބެލުމަށް 12 ކޮޓަރި ހުރެއެވެ. އަދި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވަކިން ފިޒިއޮތެރަޕީ ހެއްދޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ. ނުކުޅެދުންތެރިކަން ހުންނަ ނުވަތަ ނުހިނގޭ ކުދިންނަށް ދޭ އޫގަލް ތެރަޕީގެ ފަރުވާވެސް މިތަނުން ފޯރުކޮށްދެއެވެ.

ފިޒިއޮތެރަޕީގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދަރުމަވަންތަ ހޮސްޕިޓަލުގައި މިހާރު ޤާއިމުކޮށްފައިވާ ސެޓަޕްއާއެކު، ފިޒިއޮތެރަޕީގެ ޚިދުމަތް ހޯދުމަށް ރާއްޖޭން ބޭރަށް ދަތުރުކުރަންޖެހޭ ޖެހުން ވަރަށް ބޮޑަށް ދަށްކުރެވިފައިވާކަން އައި.ޖީ.އެމް.އެޗުން ފާހަގަކުރެއެވެ.