ކުޅިވަރު

ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ މުޅި ޓީމަށް އޮތް އިތުބާރު: ހައްވާ ރާޝިދާ


ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ލިބުމުގެ އެންމެ ބޮޑު ސިއްރަކީ އިތުބާރު ހިފޭވަރުގެ ސްކޮޑެއް އޮތުން ކަމަށް ސީނިއާރ އަންހެން ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަން ޙައްވާ ރާޝިދާ ބުނެފިއެވެ.

އޭވީސީ ސެންޓްރަލް ޒޯން ސީނިއާ އަންހެން ވޮލީބޯޅަ މުބާރާތުގައި އަފްޣާނިސްތާން ބަލިކޮށް މުބާރާތުގައި ރާއްޖެއިން ކަނޑައެޅި ފުރަތަމަ އަމާޒު ހާސިލްކޮށްފައެވެ. މިމުބާރާތަށް ޓީމް ކުރިމަތިލީ މެޑަލްއަކަށް އަމާޒުހިފައިގެންނެވެ. މިމެޗުން މޮޅުވެ ރާއްޖެއަށް ފައިނަލުން ޖާގަ ލިބުމުން ރާއްޖެ ވަނީ ރިހި މެޑަލް ޔަގީންވެފައެވެ.

ޓީމްގެ ކެޕްޓަން ޙައްވާ ރާޝިދާ ބުނީ މިއީ ވޮލީބޯޅައިގެ ހަޔާތުގައިވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީކަމަށާއި، ކެޕްޓަނެއްގެ ގޮތުގައި ހުރެ މި ކާމިޔާބީ ހާސިލްކުރެވުމުން ވަރަށް އުފާވެއްޖެ ކަމަށެވެ. އަދި މިކާމިޔާބީއާއިއެކު ދިވެހި ވޮލީއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރާ ކަމަށް އޭނާ ބުންޏެވެ.

ހައްވަ ބުނީ ދިވެހި ޓީމުގައި މިހާ އޮތީ އިތުބާރު ހިފޭވަރުގެ ސްކޮޑެއް ކަމަށާއި، ބެންޗުން އަރާ ކުޅުންތެރިޔާވެސް މޮޅަށް ކުޅޭކަމަށެވެ.. އެހެންކަމުން ކުރިއާއި ބަލާއިރު، މިހާރު ޓީމުގައި އޮޕްޝަންތައް ގިނަ ކަމަށާއި، ކާމިޔާބީގެ އެންމެ ބޮޑު އެއް ސިއްރަކީވެސް އެއީ ކަމަށްވެސް ކެޕްޓަން ޙައްވާ ރާޝިދާ ބުންޏެވެ.

"މިއީ ހަގީގަތަށް ބުނަންޏާ އަޅުގަންޑުގެ ވޮލީބޯޅަ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ، އަޅުގަނޑަށްވުރެ ބޮޑަށް މިއީ ގައުމަށް ލިބުނު ރީތި ނަމެއް، ވަރަށް އުފާވެއްޖެ ހަގީގަތުގައިވެސް، ދެން ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ އަސްލު އިތުބާރު ހިފޭވަރުގެ ސްކޮޑެއް އޮތުން، އެއީ ބަދަލަކަށް އަރުވާ ކުޅުންތެރިޔާވެސް އެބަ ދައްކާ އެކުޅުންތެރިއެއްގެ އެންމެ މޮޅު ކުޅުން" ޙައްވަ ބުންޏެވެ.