ޚަބަރު

އުއްތަމަ ފަޑިޔާރުގެ މައްސަލަ ޖޭއެސްސީގެ ބުދަދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި


ސްޕްރީމްކޯޓުގެ ސެކްރެޓަރީ ޖެނަރަލް ޑރ.ޙުސައިން ފާއިޒު މިހަފްތާގައި ވަޒީފާއިން ވަކިކުރުމަށް އުއްތަމަ ފަޑިޔާރު މަސައްކަތް ކުރާކަމުގެ މަޢުލޫމާތު ލިބުމާގުޅިގެން އެމައްސަލަ ޖުޑީޝަލް ސަރވިސްކޮމިޝަން (ޖޭއެސްސީ)ގެ ބުދަދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ޖޭއެސްސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ސްޕްރީމްކޯޓުގެ ސެކެރެޓަރީ ޖެނެރަލްގެ މަސައްކަތަށް ހުރަސްއަޅުއްވައި ޑިޕާޓްމަން އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ އެއްވެސް މުޢާމަލާތެއް ކޮށްފިނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު އުއްތަމަފަޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ދެއްވާކަމަށް ބަޔާންކޮށް ޖޭއެސްސީއަށް ހުށަހަޅާފައިވާ ސިޓީއާ ގުޅިގެން ދިވެހި ރާއްޖޭގެ އުއްތަމަ ފަޑިރާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބެލުމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

މިމައްސަލަ ބަލަން ޖޭއެސްސީން ނިންމާފައިވަނިކޮށް މިހަފްތާގައި ސްޕްރީމްކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ.ހުސެއިން ފާއިޒް ވަޒީފާއިން ވަކިކުރުމަށް މަސައްކަތްކުރައްވަމުންދާކަމުގެ މަޢުލޫމާތު ކޮމިޝަނަށް ލިބިފައިވާތީ އެމައްސަލަ އެކޮމިޝަންގެ ބުދަދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

އުއްތަމަފަޑިޔާރު ޑރ.އަޙްމދު ޢަބްދުﷲ ދީދީއާ ގުޅޭގޮތުން ޖޭއެސްސީން ތަޙްޤީޤުކުރަމުންދިޔަ ސުލޫކީ މައްސަލައިގެ ތަޙްޤީޤު ރިޕޯޓް އުއްތަމަފަޑިޔާރާ ޙަވާލުކުރެއްވުމަށް ސްޕްރީމްކޯޓަށް ފޮނުވުމުން އުއްތަމަފަޑީޔާރުވަނީ ރިޕޯޓް ބަލައިނުގަނެ އަނބުރާ ފޮނުވާލާފައެވެ. މިމައްސަލާގައި ޖޭއެސްސީން ވިދާޅުވެފައިވަނީ އުއްތަމަފަޑިޔާރު، ރިޕޯޓް ބަލައިނުގަނެ ފޮނުވާލުމަކީ ޒިންމާދާރުކަން ކުޑަކަމެއްކަމަށެވެ. އަދި އެކޮމިޝަނުން އުއްތަމަފަޑިޔާރަށް ދޭންޖެހޭ މުއްދަތު ދިނުމަށްފަހު ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.

ޖޭއެސްސީގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހާގުޅިގެން ޑިޕާޓްމަން އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޤާނޫނު ތަންފީޒު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ކަމާބެހޭ ފަރާތްތަކުން އެއްބާރުލުން ދިނުމަށާއި، ޤާނޫނު ތަންފީޒުކުރަން ހުރަސްއެޅޭގޮތަށް އެއްވެސް ފަރާތަކުން ޢަމަލުނުކުރުމަށް ޖޭއެސްސީންވަނީ އިލްތިމާސްކުރައްވާފައެވެ.