ޚަބަރު

ތޫފާން ބުލްބުލްގެ ސަބަބުން 13 މީހުން މަރުވެއްޖެ


އިންޑިއާއާ ބަންގްލަދޭޝްގެ އައްސޭރިފަށުގެ ސަރަޙައްދަށް މިހާރު އަރައިގެން އުޅޭ ތޫފާން ބުލްބުލްގެ ސަބަބުން ހިނގި އެކި ޙާދިސާތަކުގައި މަރުވި މީހުންގެ އަދަދު 13އަށް އަރައިފިއެވެ.

ބަންގްލަދޭޝްގެ އޮފިޝަލުން ބުނެފައިވަނީ ތޫފާން ބުލްބުލްގެ ސަބަބުން ލިބުނު އެކިއެކި ގެއްލުންތަކުގައި 6 މީހުން މަރުވެފައިވާކަމަށާ މީގެ ތެރެއިން 5 މީހަކު މަރުވެފައިވަނީ އެމީހުންގެ ބޮލަށް ގަސްފަދަ ތަކެތި ވެއްޓިގެންކަމަށެވެ. ބަންގްލަދޭޝްގެ އޮފިޝަލުން ބުނެފައިވަނީ މި ޙާދިސާގެ ސަބަބުން 30 މީހަކަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާކަމަށެވެ. އަދި ތޫފާނުގައި ލިބުނު ގެއްލުމުގައި 6ހާހަށްވުރެ ގިނަ ގެދޮރު މުޅިން ނުވަތަ ކޮންމެވެސް ވަރަކަށް ހަލާކުވެފައިވާކަމަށެވެ.

މީގެއިތުރުން ހަފުތާ ބަންދުގައި މަހަށްފުރި 2 ބޯޓެއް އަދި އަނބުރާ އައިސްފައިނުވާކަމަށާ މި ދެ ބޯޓުގައި ގާތްގަނޑަކަށް 36 ވަރަކަށް މީހުން ދަތުރުކުރަމުންދިޔަކަމަށް ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުންވަނީ ބުނެފައެވެ. ތޫފާން ބުލްބުލްގެ ސަބަބުން އިންޑިއާގައި ގެއްލުންތައް ލިބިފައިވަނީ އެ ޤައުމުގެ ހުޅަނގުގެ ބެންގާލް ސްޓޭޓަށެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ސްޓޭޓްގެ ޑިޒާސްޓަރ މެނޭޖްމަންޓާބެހޭ ސްޓޭޓް މިނިސްޓަރު ޖާވިދް ޚާން ވިދާޅުވީ މި ތޫފާނުގެ ސަބަބުން ހަތް މީހުން މަރުވެފައިވާކަމަށެވެ. އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ މި ތޫފާންދަނީ ބަލިކަށިވަމުންކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް 12 ގަޑި އިރަށް މަސްވެރިން ކަނޑަށް ނުނިކުތުމަށް އިލްތިމާސްކުރާކަމަށްވެސް އިންޑިއާގެ މޫސުމާބެހޭ އިދާރާއިންވަނީ ބުނެފައެވެ.