ވިޔަފާރި

ސެޕްޓެމްބަރ މަހުގެ ގްރީން ޓެކްސް 74.3 މިލިއަން ރުފިޔާގައި


ސެޕްޓެމްބަރ މަހުގެ ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 74.3 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސެޕްޓެމްބަރ މަހުގެ ގްރީން ފަންޑު ރިޕޯޓުން ދައްކާގޮތުން ގްރީން ޓެކްސްގެ ގޮތުގައި 74.3 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ. މީގެ ތެރެއިން ރިސޯޓްތަކުން ގްރީން ޓެކްސްގެ ގޮތުގައި 68.6 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ގެސްޓްހައުސްތަކުން 2.3 މިލިއަން ރުފިޔާ އަދި ހޮޓާތަކުން 1.7 މިލިއަން ރުފިޔާ ސެޕްޓެމްބަރ މަހުގެ ތެރޭގައި ގްރީން ޓެކްސްގެ ގޮތުގައި ވަނީ ލިބިފައެވެ.

ވަކިވަކި އަތޮޅުތަކުން އެންމެ ގިނަ އަދަދަކަށް ޓެކްސް ދައްކާފައިވަނީ މާލެ އަތޮޅުންނެވެ. ކ އަތޮޅުން 24.8 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ދެވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ދެއްކީ އދ. އަތޮޅުންނެވެ. އެއީ ޖުމްލަ 9 މިލިއަން ރުފިޔާއެވެ. 6.5 މިލިއަން ރުފިޔާއާއިއެކު 3 ވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ދެއްކީ އއ. އަތޮޅުންނެވެ.

ސެޕްޓެމްބަރ މަހުގެ ގްރީން ފަންޑު ރިޕޯޓުން ދައްކާގޮތުން މާލެ ސިޓީން އެކަނިވެސް ގްރީން ޓެކްސްގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެންމެ މަދުން ގްރީން ޓެކްސް ލިބިފައިވަނީ މ. އަތޮޅުންނެވެ. އެއީ ޖުމްލަ 1،657 ރުފިޔާއެވެ.
މި މުއްދަތުގެ ތެރޭގައި ލިވަބޯޑްސް ތަކުން ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވަނީ 1.9 މިލިއަން ރުފިޔާ އެވެ.

ގްރީން ފަންޑުން ފައިސާ ހަރަދު ކުރަނީ ތިމާވެއްޓާ ގުޅުންހުރި ކަންތައްތަކަށާއި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަށް ހިންގުމަށެވެ. ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ރެއަކާ ދުވާލަށް ހަ ޑޮލަރު ނަގާއިރު، ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން އަތުން ނަގަނީ ތިން ޑޮލަރެވެ.