ޚަބަރު

ކުޅުދުއްފުށީގެ މަގުތައް ފެހިކުރުމުގެ ޕްރޮގުރާމެއް ފަށައިފި


މުޅި ރާއްޖޭ ފެހިކުރުމަށް ސަރުކާރުން ހިންގާ "ރަށްފެހި" ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީ މަގުތައް ފެހިކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފި އެވެ. މިޙަރަކާތް ފަށްޓަވައި ދެއްވީ ކައުންސިލްގެ ރައީސް އަބުދުލް ލަޠީފެވެ. ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފައްޓަވައިދެއްވި "ރަށް ފެހިކުރުމުގެ ޕްރޮގްރާމް" ގެ ސިޔާސަތު ކުޅުދުއްފުށީގައި ފެށުމުގެ ގޮތުން ކުރިއަށްގެންދިޔަ މިޙަރަކާތުގައި އެރަށުގެ އެންމެ ބޮޑު މަގު، އަމީނީމަގުގައި ވަނީ ވިހި ގަސް އިންދާފަ އެވެ. މި ގަސްތައް އިންދުމުގެ ހުރިހާ މަސައްކަތެއްގައި އުޅުއްވީ ކައުންސިލް މެމްބަރުންނާއި މުވައްޒަފުންނެވެ.

މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ 100 ދުވަހުގެ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކުޅުދުއްފުށީގައި ގަސްއިންދަން ހިންގި ޙަރަކާތާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް އަބްދުއްލަޠީފް ޙަސަން ވިދާޅުވީ، މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި މުއައްސަސާތަކާއި ކްލަބު ޖަމްޢިއްޔާތައް ގުޅިގެން ގަސް އިންދުމުގެ ތަފާތު ޙަރަކާތްތައް ކުރިއަށްގެންދާނެ ކަމަށެވެ.

ގަސް އިންދުމުގެ ޙަރަކާތައް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، ފަރުވާތެރިކަމާއެކު ގަސްތައް ބެލެހެޓުމަށް ކައުންސިލްގެ ރައީސް ނަޞޭޙަތްތެރި ވިއެވެ.

މި ޕްރޮގްރާމުގެ މަޤްޞަދަކީ ރާއްޖޭގެ ނާޒުކް ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަ ކުރުމުގައި ގަސްތަކުގެ ދައުރުގެ މުހިއްމު ކަން އަންގައިދިނުންކަމަށާއި ގަސް އިންދައި ބެލެހެއްޓުމަށް ރައްޔިތުން އަހުލުވެރިކޮށް ޒިއްމާދާރުކުރުވުމެވެ. އަދި ރާއްޖެއިން ނެތިގެންދާ ގަސްތައް ނެތިދިއުން ހުއްޓުވުމާއި ރާއްޖޭގައި އަލަށް ފެންނަމުންދާ ގަސްތައް ފާހަގަކުރުން ވެސް މި ޙަރަކާތުގެ މަޤްޞަދުގެ ތެރޭގައި ހިމެނެ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުން، ރަށްފެހި ޕްރޮގްރާމް ކުރިއަށް ގެންދަން މިހާރު ހުރިހާ ރަށެއްގެ ކައުންސިލްތަކާ ވަނީ ޙަވާލުކޮށްފަ އެވެ.