ކުޅިވަރު

މިއަދު ހުރިހާ ކުޅުންތެރިންގެ ހުވަފެން ހަގީގަތަކަށްވާނެ: ޖޫޒާން


މިއަދަކީ އަބަދުވެސް ދެކެމުން އައި ހިވަފެން ހަގީގަތަކަށްވާނެ ދުވަސް ކަމަށް ސީނިއާ އަންހެން ޤައުމީ ވޮލީބޯޅަ ޓީމުގެ ވައިސް ކެޕްޓަން ފާތިމަތު ޖޫޒާން ޒަރީރު ބުނެފިއެވެ.

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި މިއަދު އަފްގާނިސްތާނާއި ދެކޮޅަށް ވާދަކުރާ މެޗުގެ ކުރިން ޤައުމީ ޓީމް ވަނީ މިއަަދު ހެނދުނު ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ. މި ފަރިތަކުރުންތަކަށްފަހު ޖޫޒާން ބުނީ، ޤައުމީ ޖާރޒީގައި ޤައުމަށް ރީތި ނަމެއް ހޯދައިދިނުމަކީ އަބަދުވެސް ދެކެމުންއައި ހުވަފެނެއް ކަމަށާއި، މިއަދު އަފްގާނިސްތާން ބަލިކޮށް އެކަން ހަގީގަތަކަށްވާނެ ކަމަށެވެ.

ޖޫޒާން ބުނީ މިއަދުގެ މެޗުން މޮޅުވުމަކީ ދިވެހި ވޮލީބޯޅަ އާއިލަށް ވަރަށް ޚާއްސަ ކާމިޔާބީއަކަށްވާނެ ކަމަށާއި، ވައިސް ކެޕްޓަނެއްގެ ގޮތުގައި މި ކާމިޔާބީ ހޯދުންވާނީ ލިބޭނެ އިތުރު ފަޚުރަކަށް ކަމަށެވެ. އަދި ޖުމްހޫރީ ދުވަހުގެ ދިވެހިންނަށް ދޭ ހަދިޔާއެއްގެ ގޮތުން މި މެޗް ކާމިޔާބުކޮށް މެޑަލް ކަށަވަރު ކުރާނެކަމަށް ޖޫޒާން ބުންޏެވެ.

"ވޮލީބޯޅަ ހަޔާތުގައި އަޅުގަނޑު އަބަދުވެސް ދެކެމުން އައި ހުވަފެނެއް އެއީ ގައުމީ ޖަރސީގައި ގައުމަށް ރީތި ނަމެއް ހޯދައިދިނުން. މިއަދުގެ މެޗައް ނިކުންނާނީ އެކަން ކުރަން، ޚާއްސަކޮށް މިއަދަކީ ރާއްޖޭގެ ޖުމްހޫރީ ދުވަސްކަމުން ދިވެހިންނަށް ހޯދައިދޭ ހަދިޔާއެއްގެ ގޮތުގައިވެސް މިކަން ކުރާނަން، އަނެއްކޮޅުން ވައިސް ކެޕްޓަނެއްގެ ގޮތުގައި މިކާމިޔާބީ ހޯދިއްޖެނަމަ އެއީ އަދި ލިބޭނެ އިތުރު އުފަލެއް" ޖޫޒް ބުންޏެވެ.

މިއަދުގެ މެޗުން އަފްގާނިސްތާން އަތުން ރާއްޖެ މޮޅުވެއްޖެނަމަ ރާއްޖެއަށް މުބާރާތުގެ އެންމެ ދަށްވެގެން ރިހި މެޑަލް ޔަގީންވާނެ އެވެ. އެހެންކަމުން މި ކާމިޔާބީވާނީ ދިވެހި ވޮލީބޯޅައިގެ ތާރީޚުގައިވެސް ގައުމީ އަންހެން ވޮލީ ޓީމަކުން ހޯދާނެ އެންމެ ބޮޑު ކާމިޔާބީއަށެވެ.