ވިޔަފާރި

އެމްއެމްޕީއާރުސީން މަސްވެރިކަމުގެ ސިނާއަތްވެސް އިޝްތިހާރުކުރަންޖެހޭ - ފިނޭންސް މިނިސްޓަރ


މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތްވެސް އިޝްތިހާރުކުރަންޖެހޭކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، އެމްއެމްޕީއާރުސީއަކީ ހަމައެކަނި ފަތުރުވެރިކަން އިޝްތިހާރުކުރަން އޮތް ކުންފުންޏެއްގެ ބަދަލުގައި އެއީ ރާއްޖޭގެ މަސްވެރިކަންވެސް އިޝްތިހާރުކުރާ ކުންފުންޏަކަށް ހަދަންޖެހޭކަމަށެވެ. އެހެންކަމުން ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓްކުރުމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި މަސްވެރިކަމުގެ ސިނާއަތްވެސް އިޝްތިހާރު ކުރާނެކަމަށާއި، މިގޮތަށް މިކަން ބަދަލުކޮށްފިނަމަ މިފްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ބަދަލުކުރެވޭނެކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި އެމްއެމްޕީއާރުސީން ހަމައެކަނި ކުރަންޖެހޭ މަސައްކަތަކީ ފަތުރުވެރިކަމުގެ ސިނާއަތް އިޝްތިހާރުކުރުމެއްނޫން. އޭގެއިތުރުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިޝްތިހާރުކުރުމަށްވެސް އެމްއެމްޕީއާރުސީން މަސައްކަތްތަކެއް އެބަ ކުރަންޖެހޭ. ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓް ކުރާއިރު ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަން އަޅުގަނޑުމެން އިޝްތިހާރު ކުރަމުންދާނަން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވާތީ ހެޔޮ ބަދަލު ނުގެނެވޭ ނުވަތަ ނުގެނެވުނޭ ބުނާ ބުނުން މިހާރު ބަދަލުކުރަންޖެހޭކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ އަމީރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕާރފޯމަންސްއަށް ހެޔޮ ބަދަލުތައް މީގެފަހުން ނުގެނެވޭނަމަ އެކަމަށް ފިޔަވަޅު އަޅާނެކަމަށާއި، މެނޭޖްމަންޓް ބަދަލުކުރަންޖެހޭ ހާލަތްތަކުގައި އެކަންވެސް ކުރާނެކަމަށެވެ. ކުންފުނިތަކުގެ މެނޭޖްމަންޓާވެސް މިހާރު މިކަން ހިއްސާކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރުވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އަޅުގަނޑުމެން މިގެންނަން ބޭނުންވާ ހެޔޮ ބަދަލުތައް ގެންނަ ރެސިސްޓެންސް އެބަހުރޭ. ޕާރފޯމަންސް ކޮންޓްރެކްސްޓައް ހެދިގެން އެކަންތައްތައް ނުކުރެވޭނަމަ ކުރިއަށްއޮތް ތަނުގައި ފިޔަވަޅުވެސް އަޅާނަން. މީހުން ބަދަލުކުރަންޖެހިއްޖިއްޔާ ބަދަލުވެސް ކުރާނަން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިފްކޯއަށް ގެއްލުންނުވެ ހިންގާ ކުންފުންޏަކަށް ބަދަލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެ ކުންފުނީގައި ހުރި ރިސޯސަސް މިހާރު ބޭނުންކުރަން ނިންމާފައިވަނީ މަސްދަޅު ބަންދުކޮށް، ފެކްޓްރީތައް ފުޅާކުރުމަށްކަމަށް ސަރުކާރުން ބުނެއެވެ.