ޚަބަރު

މިއަހަރުގެ ޚާއްސަ އިނާމު 39 ބޭފުޅަކަށް ލިބިވަޑައިގެންފި


މިއަހަރުގެ ޚާއްސަ އިނާމު 39ބޭފުޅަކަށް ލިބިވަޑައިގެންފިއެވެ. މި އިނާމުތައް ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

މިއަހަރުގެ ޚާއްޞަ އިނާމު އެބޭފުޅުންގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ހާސިލްކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދެވި 32 ބޭފުޅުންނެވެ. އަދި ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފެއް ހޯއްދަވާފައިވާ 6 ބޭފުޅުންނެވެ. މީގެ އިތުރުން ޤައުމީ ކުޅިވަރު ދެޓީމެއްވެސް ހިމެނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި ބޭފުޅަކީ ރ. ހުޅުދުއްފާރު އޯކިޑްވިލާ ޑޮކްޓަރ ޔޫސުފް ނިޡާމެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު މިއަހަރު ހާސިލު ކުރެއްވީ 32 ބޭފުޅުންނެވެ. އެބޭފުޅުންގެ ތެރޭގައި މާސްޓަރޒް ޑިގްރީ ހާސިލުކުރެއްވި 18 ބޭފުޅުންނާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ހާސިލު ކުރެއްވި އެއް ބޭފުޅަކާއި، ބެޗްލަރޒް ޑިގްރީ ހާސިލުކުރެއްވި 13 ބޭފުޅުން ހިމެނެއެވެ.

މީގެއިތުރުން ހިމެނެނީ މިއަހަރުގެ ޖުލައިމަހު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލްޓެނިސް އަންހެން ޓީމް އިވެންޓުން ޗެމްޕިއަންކަން ހޯދައި [ގޯލްޑް މެޑެލް] ހާސިލުކުރި ޤައުމީ ޓޭބަލްޓެނިސް ޓީމުގެ ކުޅުންތެރިންނާއި، އޮފިޝަލުންނާއި، ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުން އިންތިޒާމުކޮށްގެން 2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބަންގްލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، [ގޯލްޑް މެޑެލް] ހާސިލުކުރި ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ މުހިންމު މަސައްކަތްތަކާއި، އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއަށް ވަނަ ހޯދައިދީފައިވާ ފަރާތްތަކަށްވެސް ހަނދާނީ ލިޔުމާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.

މީގެތެރޭގައި ހިމެނިވަޑައިގަންނަވަނީ ކީރިތި ޤުރުޢާން ހިތުދަސްކުރައްވައި ހާފިޒުަމުގެ ސަނަދު ޙާސިލްކުރެއްވި 16 ބޭފުޅަކާއި، ސާނަވީ އިމްތިޙާން އަދި މަތީ ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1ވަނަ ޙާސިލްކުރި ދަރިވަރުންނެވެ.

މީގެއިތުރުން މީހެއްގެ ފުރާނަ ސަލާމަތް ކުރުމުގައި އެހީތެރިވެދީފައިވާތީ 2 ސްކައުޓަކަށްވަނީ ހަނދާނީ ފިލާ އަރުވާފައެވެ. އަދި ޕްރެޒިޑެންޓް ބެޖް ޙާސިލްކުރި 5 ސްކައުޓުންނާއި، ބޭޑަން ޕަވަރ ބެޖް ޙާސިލްކުރި 6 ސްކައުޓުންނަށް މިޖަލްސާގައިވަނީ ބެޖު ހަވާލުކޮށްދެއްވާފައެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ކެބިނެޓް މެންބަރުއްނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެ ވަޑައިގެންފައިވެއެެވެ.