ޚަބަރު

މިއަހަރު އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާނީ، މުޖްތަމަޢުގެ ހަމަޖެހުމަށް - ރައީސް


ވެރިކަމުގެ ފުރަތަމަ އަހަރުގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާނީ، މުޖްތަމަޢުގެ ހަމަޖެހުމާއި އަމާންކަން ކަށަވަރުކޮށްދިނުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ ދާޚިލީ ޞުލްހަ މަސަލަސްކަން ޤާއިމްކުރުމުގައި ހޯދިފައިވާ ކާމިޔާބީތަކަކީ ދިވެހި ފުލުހުން ކުރަމުން އަންނަ ބުރަ މަސައްކަތްތަކުގެ ނަތީޖާކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ދާޚިލީ ޞުލްހަ މަސަލަސްކަން ޤާއިމްކުރުމުގައި ހޯދިފައިވާ ކާމިޔާބީތަކަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ފުލުހުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މާލޭގެ މަގުތަކުގެ އަމާންކަން ދަމަހައްޓައި ޞުލްހަވެރިކަން ޤާއިމުކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނަށްވީ ވައުދުތަކުގެ ތެރެއިން، މިއަހަރު އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާނީ، މުޖްތަމަޢުގެ ހަމަޖެހުމާއި އަމާންކަން ކަށަވަރުކޮށްދިނުމަށްކަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ވޭތުވެ ދިޔަ 6 އަހަރުގެ ޕޮލިސް ރެކޯޑްތަކަށް ބަލާއިރު، އަނިޔާވެރި ކުށްތައް އެންމެ މަދުންހިނގި އަހަރަކީ މިއަހަރުކަން ރައީސް ފާހަގަކުރެއްވިއެވެ.

" ގުރޫޕް މާރާމާރީގެ ޢަދަދުވެސް މިދިޔަ އަހަރަށް ވުރެ 50 އިންސައްތަ މަދުވެއްޖެ. މިދިޔަ 6 އަހަރުގެ ތެރޭގާ ގޭންގް ކުށްތަކުގާ، މާލޭގެ މަގުތަކުގާ 21 މީހަކު މަރާލާފައިވޭ. ނަމަވެސް އަޅުގަނޑު އެންމެ އުފަލާއެކު ފާހަގަކޮށްލާނީ، ގޭންގް ކުށްތަކުގާ، އެންމެ ދިވެއްސެއްގެ ފުރާނަވެސް މިއަހަރު ގެއްލިފާ ނުވާކަން." ރައީސް ވިދާޅުވިއެވެ.

އަސްކަރީ ޒިންމާގެ އިތުރުން، ޤައުމުގެ އަމާންކަމާއި ހަމަޖެހުން ޤާއިމުކުރުމުގާ، ދިވެހި ސިފައިން އަދާކުރާ ދައުރު ފާހަގަކުރައްވައި ރައީސްވަނީ ދިވެހި ސިފައިންނަށްވެސް ޝުކުރު އަދާކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް، މާލޭގާ ދާދި ފަހުން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މީހުންގެ ފުރާނައާ ގެދޮރާ މުދާ ސަލާމަތްކުރުމުގާ، ދިވެހި ސިފައިން އަދާކުރި ފުރިހަމަ ދައުރަށްޓަކާ ރައީސްވަނީ ޝުކުރު އަދާކުރައްވާފައެވެ.