ޚަބަރު

ގްރޭޓާ މާލެ ބްރިޖް މަޝްރޫޢު އަކީ މާލޭގެ މައްސަލަތަކަށް އޮތް ހައްލެއް، ގުޅީފަޅުގަ މީހުން އާބާދުނުކުރާނެ - ސަރުކާރު


ގްރޭޓަރ މާލެ ބްރިޖް މަޝްރޫޢުއަކީ މާލެ ސަރަޙައްދުގައި އާބާދީ ތޮއްޖެއްސުމަށް ހިންގާ މަޝްރޫޢުއެއް ނޫންކަމަށާއި، އެއީ މާލެ ސަރަހައްދުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މަޝްރޫޢުއެއްކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލާ ބްރިޖް ހެދުމަށް ސަރުކާރުން ނިންމުމުން، ބައެއް ފަރާތްތަކުން ވަނީ މާލެ ސަރަހައްދުގައި އަނެއްކާވެސް އާބާދީ އިތުރުވެ މައްސަލަތަކަށް ހައްލެއް ނާންނާނެކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައިވެސް މި ބްރިޖް މަޝްރޫޢު ހިމަނާފައިވުމުން ކޮމިޓީގެ މެންބަރުންވެސް ވަނީ މާލެ ތޮއްޖެއްސުމަށް މަގުފަހިވާނެތޯ މިނިސްޓަރާއި ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، ގްރޭޓަރ މާލެ ސަރަހައްދުގެ ބްރިޖް މަޝްރޫޢާއެކު ގުޅީ ފަޅުގައި ތަރައްޤީކުރާ ވިޔަފާރި ބަނދަރާއި ލާމެހޭނެހެން ދަތުރުފަތުރާއި އެހެނިހެން ކަންކަންވެސް ގުޅުވާލެވޭނެކަމަށެވެ. އަދި އެއީ މާލެ ސަރަހައްދުގައި މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދުމުގެ މަޤްޞަދުގައި ހިންގާ މަޝްރޫޢެއްކަން ފާހަގަކުރައްވާ ފިނޭންސް މިނިސްޓަރ ވިދާޅުވީ، މާލެ ސަރަހައްދުގައި މީހުން އިތުރަށް އާބާދު ނުކޮށް މާލެއަށް ހައްލުތަކެއް ގެންނަން ޖެހިފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިސަރުކާރުން ތިލަފުށްޓާއި ގުޅީފަޅު ބޭނުންކުރާނީ އިންޑަސްޓްރިއަލް ނުވަތަ ސިނާޢީ މަސައްކަތްތައް ކުރުމަށްކަމަށާއި، އެތަންތަނުގައި މީހުން އާބާދު ކުރުމަކީ މިސަރުކާރުގެ ސިޔާސަތެއް ނޫންކަމަށެވެ.

"ކުރީ ސަރުކާރާއި ޚިލާފަށް މި ސަރުކާރުގެ ޕޮލިސީއެއް ނޫން އެތަންތަނުގައި މީހުން ޕޮޕިއުލޭޓްކުރުމަކީ. އެއީ އަޅުގަނޑުމެން ގެންގުޅޭ ޕޮލިސީއެއް ނޫން. ތިލަފުށި އަދި ގުޅީފަޅު ވަނީ އިންޑަސްޓްރިއަލް ޒޯންތަކަކަށް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ ރާއްޖެ 5 ސަރަހައްދަކަށް ބަހާލާ 5 އަރބަން ސަރަހައްދު ތަރައްޤީކުރުމަށް ކަމަށެވެ. އެއާއެކު މާލެ ސަރަހައްދަށް މީހުން ޖަމާވުން ކުޑަކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި "ގްރޭޓާ މާލެ ކަަނެކްޓިވިޓީ ބްރިޖު" މަޝްރޫޢުއަށް އަބޫދާބީ އިން ލޯނު އެހީގެ ގޮތުގައި 305.40 މިލިއަން ރުފިޔާ އަންނަ އަހަރު ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި 2021 ވަނަ އަހަރު އެ ލޯނުގެ އަދަދު 610.80 މިލިއަން ރުފިޔާއަށް އަދި 2022 ވަނަ އަހަރު 1.15 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ދައުލަތުގެ ބަޖެޓްގައި ވަނީ އަންދާޒާކޮށްފައެވެ.