ޚަބަރު

ނިއު ދިއްލީގެ ވައި ސިއްޙަތަށް ނުރައްކާވާ މިންވަރަށް އަނެއްކާވެސް ނުސާފުވެއްޖެ


ވައި ތަޣައްޔަރުވުމުގެ މައްސަލަ ކުރިމަތިވެފައިވާ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައިގެ ކޮލިޓީ ކޮންމެވެސް ވަރަކަށް ރަނގަޅުވުމަށްފަހު ސިއްޙަތަށް ނުރައްކާވާ މިންވަރަށް އަނެއްކާވެސް ނުސާފުވެއްޖެއެވެ.

ނިއު ދިއްލީގެ ޢާއްމު ރައްޔިތުން ބުނީ ވައިގަދަވުމާއެކު ދުންތައް ތުނިވެ، ވައިގެ ކޮލިޓީ ކޮންމެވެސް ވަރަކަށް ރަނގަޅުވެފައިވަނިކޮށް ހޮނިހިރު ދުވަހު އަނެއްކާވެސް ދުން ބޯވެފައިވާކަމަށެވެ. ހޮނިހިރު ދުވަހުގެ ހެނދުނު ނިއު ދިއްލީގެ ގިނަ ސަރަޙައްދުތަކުގެ ވައިގެ ކޮލިޓީ އިންޑެކްސް ހުރީ 300އާ ގާތްކުރާ މިންވަރަކަށްކަމަށް ރިޕޯޓުތައް ބުނެއެވެ. ވައިގެ ކޮލިޓީ އިންޑެކްސްއަށް ބަލާއިރު ރައްކާތެރި މިންވަރަކީ 60އެވެ. އެހެންނަމަވެސް، ނިއު ދިއްލީގެ ގިނަ ސަރަޙައްދުގެ ވައިގެ ކޮލިޓީ އިންޑެކްސް މީގެ ކުރިން ހުރީ 500އަށްވުރެ މަތީގައެވެ.

ވައި ތަޣައްޔަރުވުމުގެ ސަބަބުން ނިއު ދިއްލީގެ ލޯކަލް ސަރުކާރުންވަނީ މި ނޮވެމްބަރު މަހުގެ ފަނަރަވަނަ ދުވަހާ ހަމައަށް އާންމު ސިއްޙަތުގެ ކުއްލި ޙާލަތުވެސް އިޢުލާންކޮށްފައެވެ. މި ޙާލަތުގެ ދަށުން ނިއު ދިއްލީއާއި އެ ސިޓީގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ކޮންސްޓްރަކްޝަން މަސައްކަތްކުރުން ހުއްޓުވާފައިވާއިރު އުޅަނދު ދުއްވާ މިންވަރު ކޮންޓްރޯލްކުރުމުގެ މަސައްކަތްވެސްވަނީ ފަށާފައެވެ. މިކަމަށްޓަކައި ނިއު ދިއްލީގެ ލޯކަލް ސަރުކާރުންވަނީ ނޮވެމްބަރު މަހުގެ ފަނަރައާ ހަމައަށް އެ ސިޓީގެ މަގުތަކުގައި ޕްރައިވެޓް ކާރުތައް ދުއްވޭނީ ލައިސެންސް ޕްލޭޓް ނިމޭ ނަމްބަރަށް ބަލާފައިކަމަށް ކަނޑައަޅާފައެވެ.

ވައި ތަޣައްޔަރުވުމުގެ މައްސަލަ ދިގުލައިގެންދާނަމަ ނިއު ދިއްލީގެ ރައްޔިތުންނަށް ސިއްޙީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެކަމުގެ އިންޒާރުވެސް އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްއިންވަނީ ދީފައެވެ.