ޚަބަރު

އަލަށް 8 ރަށެއްގެ ބިން ހިއްކަން ބަޖެޓުގައި ހިމަނައިފި


މުޅިން އަލަށް 8 ރަށެއްގެ ބިންހިއްކުމުގެ މަސައްކަތް ކުރުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ. އަންނަ އަހަރުގެ ބަޖެޓުގައި ބިންހިއްކުމާއި ގުޅުންހުރި ޖުމްލަ 12 މަޝްރޫއަކަށް ޚަރަދުކުރުމަށް ހިމަނާފައިވެއެވެ. މީގެތެރޭގައި މިހާރު ފަށާފައިވާ ބައެއް މަޝްރޫޢުތަކުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ޚަރަދުވާ ވަރުވެސް ހިމެނެއެވެ.

ލަފާފުރުމުގެ ދަތިކަން ޙައްލުކުރުން ފިޔަވައި ދެން ޕަބްލިބް ސެކްޓަރ އިންވެސްޓްމަންޓްގެ ދަށުން އެންމެ ބޮޑު ޙޭދައެއް ކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ ބިން ހިއްކުމާއި މަގުހެދުމުގެ މަޝްރޫޢުތަކެވެ.
މުޅި ޕީއެސްއައިޕީ ބަޖެޓުގެ 15 އިންސައްތަ މަގު ހެދުމަށާއި، ބިން ހިއްކުމުގެ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާއިރު، މިއަދަދުގެ ގާތްގަނޑަކަށް %70 ހޭދަކުރުމަށް ހަމަޖެހިފައިވަނީ ބިންހިއްކުމުގެ މަޝްރޫޢުތަކަށެވެ. 2020ވަނަ އަހަރުގެ ބަޖެޓުގައި ބިން ހިކުމުގެ މަޝްރުޢުތަކަކަށް 954.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

މީގެތެރޭގައި ނެދަލޭންޑްސްގެ އައިއެންޖީ ބޭންކުގެ ލޯނު އެހީގައި ރާއްޖޭގެ އެކި ރަށްތަކުގައި ބިން ހިއްކުމުގެ މަޝްރޫޢު ހިންގުމަށް 649 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އިތުރު 12 ރަށެއްގައި ބިން ހިއްކުމަށުގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށްޓަކައި 244.1 މިނިއަން ރުފިޔާ އަންނަ އަހަރަށް ވަނީ ބަޖެޓްކޮށްފައެވެ.


އަންނަ އަހަރު އަލަށް ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:

  • ހއ. އިހަވަންދޫ (އެކި ރަށުގެ ބިން ހިއްކުމުގެ ބަޖެޓް)
  • ހއ.ދިއްދޫ (350،000)
  • ކ.ދިއްފުށި (130،000)
  • މ.ދިއްގަރު (130،000)
  • ފ.ބިލެއްދޫ (130،000)
  • ފ.މަގޫދޫ(އެކި ރަށުގެ ބިން ހިއްކުމުގެ ބަޖެޓް)
  • ތ.ކިންބިދޫ(45،000،000)،
  • ސ.މަރަދޫފޭދޫ (ޓެންޑަރ)


މި ރަށްތަކުގެ ތެރެއިން ބަޖެޓުގައި ހިމަނާފައިވަނީ ދިއްދޫގެ ބިންހިއްކުމަށް ސަރވޭއާއި ޑިޒައިން ހެދުމުގެ މަސައްކަތްތަކެވެ. އަދި ތ.ކިނބިދޫގައި ބިން ހިއްކުމުގެ އިތުރުން ބީޗެއް ހެދުމަށްވެސް މި މަޝްރޫޢޫގެތެރޭގައި ވަނީ ހިމަނާފައެވެ. އަދި ސ.މަރަދޫފޭދޫގައި ބިން ހިއްކުމާއިއެކު ރިވެޓްމަންޓް ޖެހުމަށްވެސް ބަޖެޓްކޮށްފައިވެއެވެ.

މި ރަށްތަކުގެ އިތުރުން ބަޖެޓުގައި ހިމެނެނީ އެކި މަރްޙަލާތަކުގައި ބިންހިއްކުއްމުގެ މަސައްކަތްތައް ކުރިއަށްދާ ރަށްތަކުގެ މަސައްކަތްތައް ނިންމުމަށް ކަނޑައަޅާފައިވާ އަދަދުތަކެވެ. މީގެތެރޭގައި ހިމެނެނީ:

  • ކ.ހުރާ (1،583،006)،
  • ކ.މާފުށި (10،497،672)،
  • ކ.ގުރައިދޫ (13،037،954)


އަންނަ އަހަރަށް ހުށައެޅި ބަޖެޓުގައި އެންމެ ބޮޑު އަދަދެއް ހިމަނާފައިވަނީ ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫޢުއަށެވެ. މި މަޝްރޫއަކީ 2 އަހަރުގެ މަޝްރޫޢުއެކެވެ. 2020ވަނަ އަހަރުގެ ބަޖެޓުގައި ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫޢުއަށް 146 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ބިންހިއްކުމުގެ މަޝްރޫއުތައް ރަށްރަށުގައި ކުރިއަށްގެންދަނީ، ބިމުގެ ޖާގައިގެ ދަތިކަން ދިމާވާ ރަށްތަކަށް އިސްކަންދީގެންނެވެ. ޚާއްސަކޮށް އާބާދީ ބޮޑުވެ ބޯހިޔާވަހިކަން ބޭނުންވާ ރަށްރަށުގައި ބިން އުފައްދަނީ ބިން ހިއްކައިގެންނެވެ.