ޚަބަރު

ބަޖެޓް ތަންފީޒްވުމުން 4063 ވަޒީފާ އުފެދޭނެ - މިނިސްޓަރ އަމީރު


އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ތަންފީޒްވުމުން ހަތަރު ހާހަށްވުރެ ގިނަ ވަޒީފާ އުފެދޭނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި މެންބަރުން ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓް ތަންފީޒްވުމުން ވަޒީފާ އުފެދިގެންދާނީ އަންނަ އަހަރު އެކަނި ނޫންކަމަށާއި، ކުރިއަށް ހުރި އަހަރުތަކުގައިވެސް އިތުރު ވަޒީފާ ސަރުކާރުގެ ތެރެއިން އުފެދޭނެކަމަށެވެ. އެގޮތުން ސަރުކާރުގެ ތެރެއިން އެކަނިވެސް 4063 ވަޒީފާ އުފެދިގެންދާނެކަން ފާހަގަކުރައްވާ ފިނޭންސް މިނިސްޓާރ ވިދާޅުވީ، މި ވަޒީފާތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތަކާއި ގުޅުން ހުރި ވަޒީފާ ނުވަތަ ޕްރައިވެޓް ސެކްޓަރގެ ތެރޭގައިވެސް އިތުރު ވަޒީފާ އުފެދިގެންދާނެކަމަށެވެ. މިނިސްޓަރ ވަނީ ވަޒީފާ އަލަށް އުފެދޭ މިންވަރު ދެނެގަތުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ.

"މި ބަޖެޓްގެ ސަބަބުން މިއަންނަ އަހަރު އެކަންޏެއް ނޫން ވަޒީފާ އުފެދިގެންދާނީ. ކުރިއަށް އޮތް ތާނގަވެސް ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެ. "މަލްޓިޕްލައި އެފެކްޓެއް" އައިސްދާނެ. އެކަމް ސީދާ ސަރުކާރުގެ ޕަބްލިކް ސާރވިސްގެ ތެރެއިން އުފެދޭނެ ގާތްގަނޑަކަށް 4063 ވަޒީފާ ނިމޭނެކަމަށް ބަޖެޓްކޮށްފައިވާނެ. އެކަމް ޕްރައިވެޓް ސެކްޓަރގަ އިތުރު ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެ. އަޅުގަނޑުމެން ޖެހޭނީ އިތުރު މޮޑިއުލްއެއް ހަދައިގެން ކިހާ ވަޒީފާތަކެއްތޯ އުފެދެނީ ބަލާލަން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓްގައި ދައުލަތުން ހިންގާނެ އައު ތަރައްޤީގެ މަޝްރޫޢުތަކާއި، ދައުލަތަށް އާމްދަނީ ހޯދޭނެ އައު ގޮތްތައް ވަނީ ހިމަނާފައެވެ. މިއާއެކު އައު ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ތަނަވަސްވެގެންދާނެކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.