ސިއްހަތު

ޑެންގީ ކޮންޓްރޯލް ކުރުމަށް ބޭނުންވާ ތަކެތި ރަށްރަށަށް ފޮނުވަނީ


މަދިރި ކޮންޓްރޯލް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، ޑެންގީ ހުން ޓެސްޓް ހެދުމަށް ބޭނުންވާ ތަކެތީގެ އިތުރުން އެހެނިހެންވެސް މެޑިކަލް ބައެއް ތަކެތި އެސްޓީއޯ މެދުވެރިކޮށް ރާއްޖެ ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށް ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.މިނިސްޓަރ މިހެން ވިދާޅުވީ، ޓީވީއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.މިއަހަރުގެ މިހާތަނަށް 300 އަށްވުރެ ގިނަ މީހުންނަށް ޑެންގީހުން ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންކަމުން އެހެން އަހަރުތަކާ އަޅާބަލާއިރު ކަންބޮޑުވާ މިންވަރަށް މިދުވަސްވަރު ޑެންގީހުން ފެތުރެމުންދާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަމުން ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، މިދުވަސްވަރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އާދަޔާ ޚިލާފަށް ޑެންގީހުން ފެތުރެމުންދާތީ، އެހުން ކޮންޓްރޯލް ކުރުމަށްބޭނުންވާ އާލާތްތަކާއި،ޑެންގީއަށް ޓެސްޓްކުރެވޭނެ ވަސީލަތްތަކާއިބޭސްފަދަ ތަކެތި ރާއްޖެގެނެސް އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށާއި، ސިއްހީ މަރުކަޒްތަކަށް ފޮނުވުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން އެތަކެތި އެންމެ ބޭނުންވާނެ ސަރަހައްދުތައް ބައްލަވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.މީގެ އިތުރުން ބޭރުގެ އެކިއެކި ފަރާތްތަކާއި، އދ އާއި، ޑަބްލިއުއެޗްއޯ އޮފީހުން ޑެންގީއާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހޯދައި، މިކަމަށް އެޅޭނެ ފިޔަވަޅުތައް މިނިސްޓްރީން އެކުލަވާލާފައިވާ ޓާސްފޯސް މެދުވެރިކޮށް ހޯއްދަވަމުން ގެންދަވާކަންވެސް މިނިސްޓަރ އިރުތިޝާމް ފާހަގަކުރެއްވިއެވެ.ޑެންގީ ހުމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން އައިޖީއެމް ހޮސްޕިޓަލްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ އަޙްމަދު ފައިސަލް ވިދާޅުވީ، ޑެންގީ ހުން ޖެހިއްޖެނަމަ ނުރައްކާވާ އުމުރަކީ، އެއްއަހަރުން ދަށުގެ ކުޑަކުދިންނާއި، އުމުރުން ދުވަސް މީހުންގެ އިތުރުން މާބަނޑު މީހުންކަމަށެވެ. އަދި އިތުރު ބައްޔެއް ހުންނަ މީހުންނަށްވެސް މިބަލި ޖެހުމުން ނުރައްކާވާކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އޭގެތެރޭގައި، ތެލިސީމިއާއާއި، ހަކުރުބައްޔާއި، ހިތުގެ ބައްޔާއި ކިޑްނީ ބަލި ހުރެއްޖެނަމަ މިބަލި އިތުރަށް ނުރައްކާވާނެކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ މެޑިކަލް އޮފިސަރ ފާތުމަތު ނަޒްލާ ވިދާޅުވީ، ޑެންގީއަކީ ވަކި މޫސުމެއްގައި ފެތުރޭ ބައްޔެއްކަމަށާއި، 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މިދުވަސްވަރު މަދިރި ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރަމުން ގެންދާކަމަށެވެ. އަދި ޑެންގީ ހުމުން ސަލާމަތްވުމަށް ސާފުތާހިރުކަން ވަރަށް މުހިއްމުކަމަށާއި، ޚާއްސަކޮށް ފެން އުފެދޭ ތަކެތި ނައްތާލުމުގެ މުހިއްމުކަން ނަޒްލާ ފާހަގަކުރެއްވިއެވެ.މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ޑެންގީ ހުން ކޮންޓްރޯލް ކުރުމުގެ ގޮތުން، މަދިރި މެރުމަށް މާލޭގައި މަދިރި ބޭސް ޖަހަން މިހާރު ފަށާފައިވާއިރު، ޑެންގީ ހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސީރިއަސް މިންވަރަކަށް ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތު މިނިސްޓްރީން ވަނި އިލްތިމާސްކުރައްވާފައެވެ.ޑެންގީ ހުން ޖެހިގެން މާބަނޑު އަންހެނަކު މަރުވެފައި ވާއިރު، ބިދޭސީއަކުވެސް ޑެންގީ ހުން ޖެހިގެން މަރުވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.