ޚަބަރު

ސެލްތަ ވިގޯގައި ތަމްރީން ހެދުމަށް ލިބުނީ ރަނުގެ ފުރުސަތެއް: ނާޝިދު


ސްޕެނިޝް ލަލީގާގައި ސެލްތަ ވީގޯ އޮތް ހިސާބަށް ވުރެއް މުހިންމީ އެ ކުލަބާއިއެކުު ވެފައިވާ އެއްބަސްވުމުން ރާއްޖެ ފުޓްބޯޅައަށް ކުރާނެ ފައިދާކަމަށް ޤައުމީ ޓީމްއަށް ލަފާދޭ ކޮމެޓީގެ މެންބަރު އަލީ ނާޝިދު ބުނެފިއެވެ.

ސްޕެއިންގެ ސެލްތަ ވިގޯއާއެކު ޓުއަރިޒަމް މިނިސްޓްރީއިންވަނީ ރާއްޖެ އިސްތިހާރު ކުރުމަށާއި ފުޓްބޯޅަ ކުރިއެރުވުމަށް 3 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކޯޗުންނާއި ކުޅުންތެރިންނަށް ތަމްރީންގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ ޓީމްތަކަށް ސެލްޓަ ވިގޯގައި ކޭމްޕް ކުރުމަށް ފުރުސަތުވެސް ލިބޭނެއެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަމުން ޤައުމީ ޓީމްގެ އެސިސްޓަންޓް ކޯޗްކަންވެސް ކޮށްފައިވާ އަލީ ނާޝިދު ބުނީ މި ފުރުސަތަކީ ދިވެހި ފުޓްބޯޅައަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަމަށެވެ. ސްޕެއިންގެ ކުލަބެއްގެ އެކަޑަމީއެއްގައި ނުވަތަ ސެލްޓަ ވިގޯގެ އެންމެ ރަނގަޅު ވަސީލަތްތަކާއިއެކު ތަމްރީން ހެދުމަކީވެސް މިކުޑަ ދިވެހިރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެއްކަމަށް އަލީ ނާޝިދު ބުންޏެވެ.

އިނގިރޭސިވިލާތް އަދި ސްޕެއިންގެ ފުޓްބޯޅައަކީ މިހާރު ދުނިޔޭގެވެސް އެންމެ މަގްބޫލް ފުޓްބޯޅައަށްވާއއިރު، ސްޕެއިންގައި ތަމްރީން ހަދާލުމަކީވެސް ވަރަށް މަދުން ނޫނީ ރާއްޖެއަށް ލިބޭނެ ފުރުސަތެއްނޫންކަމަށް އަލީ ނާޝިދު ބުންޏެވެ. ޓުއަރިޒަމް މިނިސްޓްރީން މިވެވުނު އެއްބަސްވުމާއިއެކު ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. ސަބަބަކީ ސެލްތަވީގޯ ސްޕެނިޝް ލީގާ ތަވާލްގެ 18ވަނާގައި އޮތުމުންނެވެ. މިފާޑުކިއުންތަކާއި ގުޅޭގޮތުން އަލީ ނާޝިދު ބުނި މިފަދަކަމަކަށް ފާޑުކިޔާނީ ފުޓްބޯޅަ ނޭނގޭ ފަރާތްތަކުންކަމަށާއި، ސްޕެނިޝް ލީގް ނުވަތަ އިނގިރޭސި ލީގްގެ ބޮޑު ޓީމެއް ސްޕޮންސަރ ކުރުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށާއި އެއީ ވަރަށް ގިނަ ފައިސާވެސް ބޭނުންވާނެކަމެއްކަމަށް ނާޝިދު ބުނި. ނަމަވެސް ސްޕެއިންގެ ފަދަ ޤައުމެއްގެ މޮޅެތި ކޯޗުންނާއި ޓްރެއިނަރުންގެ އެހީ ރާއްޖޭގެ ފުޓްބޯޅައަށް ލިބިގެންދިއުމަކީ، ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއްކަމަށް އަލީ ނާޝިދު ބުންޏެވެ.

“މިއީ އަސްލުގައި ރާއްޖެއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް. ސެލްޓަ ވިގޯ ލީގްގައި ކޮންމެ ހިސާބެއްގައި އޮންނަމަވެސް، އެކުލަބްގައިވެސް ތަމްރީން ކުރުމަށް ބޭނުން ކުރާނީ ސްޕެއިންގެ އެންމެ ފެންވަރު ރަގަނޅު އެއް ވަސީލަތްތަށް. ހަމަ އެވަސީލަތްތަށް ދޯ ރާއްޖޭގެ ކުދިން ބޭނުން ކުރާނީ އެކުލަބްގެ ތަމްރީންތަކަށް ގޮސް. މިއީ މީގެ ކުރިން ނުލިބޭ ވަރުގެ ތަމްރީންތަކެއް. އަދި ސެލްޓަ ވިގޯގެ މޮޅެތި ކޯޗުންނާއެކު ތަމްރީން ހެދުމުގެ ފިރުސަތު މަދުން ނޫނީ ނުލިބޭނެ. އަޅުގަނޑު މެންނަށް އުއްމީދުވެސް ނުކުރެވޭނެ މިލިބުނީ ކިހާ ރަގަނޅު ފުރުސަތެއްކަން. މީގެ ފޮނި މީރުކަން ފެންނާނެ އަހަރުތަކަަސްފަހު.” ނާޝިދު ބުންޏެވެ.