ޚަބަރު

ޓްރާންޝިޕްމަންޓް ބަނދަރުގެ ފީޒިބިލިޓީ ހަދަން ކޮންސަލްޓަންޓަކާ ޙަވާލުކުރަނީ


ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރާންޝިޕްމަންޓް ބަނދަރުތަކެއް ހެދުމަށް ބޭނުންވާ ފީސިބިލިޓީ ހަދަން މިމަހުގެ ތެރޭގައި ކޮންސަލްޓެންޓަކާ، ޙަވާލުކުރާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ބަޖެޓް 2020" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އިޔާދު ޙަމީދު ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން ވިޔަފާރިތަކަށާ ރާއްޖޭގެ އިޤްތިޞާދަށް ވަރަށްބޮޑު ނޭދެވޭ އަސަރުތަކެއް ކުރާކަމަށެވެ. އެކަން ހައްލުކުރެވޭނީ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކޮށްގެންކަމަށްވެސް އިޔާދު ވިދާޅުވިއެވެ.

އިޔާދު ވިދާޅުވީ ގުޅިފަޅުގައި ތަރައްޤީކުރާ ވިޔަފާރި ބަނދަރު ވެގެންދާނީ ސަރަޙައްދީގޮތުން ފާހަގަކޮށްލެވޭ އަދި ޒަމާނަށްފެތޭ ބަނދަރަކަށްކަމަށެވެ. އޭނާ ވަނީ ރާއްޖެ ސަރަޙައްދުން ދަތުރުކުރާ ބޮޑެތި ބޯޓްފަހަރު މާލޭ ވިޔަފާރި ބަނދަރުގައި ޓްރާންޝިޕްކުރުމަށް މިހާރުވެސް ހުށައެޅުންތައް ލިބެމުން އަންނަކަން ފާހަގަކުރައްވާފައެވެ. ނަމަވެސް އެ ބަނދަރުގެ ޖާގައިގެ ދަތިކަމާއި ހުރި ވަސީލަތްތަކުގެ ސަބަބުން އެ ފުރުޞަތު ދެވެން ނެތްކަމަމަށް އޭނާ ވިދާޅުވިއެވެ.

ޓްރާންޝިޕްމަންޓް ބަނދަރު ތަރައްޤީކުރުމަށް ބަލަންޖެހޭ ކަންކަން ބެލުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ސްޓޭޓް މިނިސްޓަރ ވިދާޅުވީ އެމަސައްކަތް މިމަހުގެތެރޭގައި ކޮންސަލްޓަންޓަކާ ޙަވާލުކުރެވޭނެކަމަށެވެ.

"މިހާރުވެސް ރާއްޖޭގެ މައި ޕޯޓަށް ބައެއް ރިކުއެސްޓްތައް އާދޭ ޓްރާންޝިޕްކުރުމަށް. ނަމަވެސް ޕޯޓްގެ ޖާގައިގެ ދަތިކަމުގެސަބަބުން އެފަދަ ޓްރާންޝިޕްމަންޓް ރިކްއެސްޓްތަކަށް ޕޯޓުން ކޭޓަރނުކުރެވޭ. އެހެންކަމުން ރާއްޖޭގެ އިތުރު ޓްރާންޝިޕްމަންޓް ބަނދަރުތަކެއް ހެދުމުން އިޤްތިޞާދު ޑައިވަރސިފައި ކުރެވިގެންދާނެކަމަށް ބެލެވޭ." އިޔާދު ވިދާޅުވިއެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރާންޝިޕްމަންޓް ބަނދަރުތަކެއް ހެދުމުގައި އެންމެމުހިންމު ބޭނުމަކީ ރާއްޖޭގެ އިޤްތިޞާދުގައި އެހެން ސިނާއަތްތައް ފުޅާކުރުމެވެ. އެގޮތުން ޓްރާންސްޕޯޓާއި ލޮޖިސްޓިކްގެ ދާއިރާ ފުޅާވެ އިޤްތިޞާދަށް އޭގެ ފައިދާ ވަރަށްބޮޑަށް ކުރާނެކަމަށް އިޔާދު ވިދާޅުވިއެވެ.