ހދ އަތޮޅު ތައުލީމީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން އެސްކޫލުގައި އަޅާ 12 ކުލާސްރޫމްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ހަތަރު ބުރީގެ މި އިމާރާތް ހެދުމަށް މިދިޔަ ސެޕްޓެމްބަރުމަހު ފަހު ކޮޅު ޙަވާލުކުރީ ވީ އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާެވެ.
ހދ އޭއީސީގައި އާ އިމާރާތް ހަދަނީ ކުރީގެ ބާޢިމާރާތް ތަޅާލައި އެތަނުގައި އެވެ. އަމަލީ މަސައްކަތް ފަށާފައިވާއިރު މިހާރު ވަނީ އިމާރާތް ތަޅާލައި ބިން ސާފުކޮށްފަ އެވެ. އަދި މިހާރު ކުރެވެމުންދަނީ ފައުންޑޭޝަން އެޅުމަށްޓަކާ ކޮނުމުގެ މަސައްކަތެވެ.
8 މިލިއަން ރުފިޔާ ޚަރަދުކޮށް ހަދާ މިޢިމާރާތް އެއް އަހަރު ދުވަސްތެރޭގައި ނިންމައި ހަވާލުކުރަން ޖެހެ އެވެ. ހދ އަތޮޅު ތައުލީމީ މަރުކަޒަކީ އަތޮޅުތެރޭގެ އެންމެ ގިނަ ދަރިވަރުން ތައުލީމް ޙާޞިލްކުރަމުންދާ އެއްސްކޫލެވެ. މި ސްކޫލުގައި ފައުންޑޭޝަން އިން ފެށިގެން ގުރޭޑް 8 ހަމައަށް 1400 އެއްހާ ދަރިވަރުން ދަނީ ތަޢުލީމް ޙާޞިލްކުރަމުންނެވެ.
މިއަހަރު ހަތަރު ބުރީގެ ޢިމާރާތް ހެދުމުގެ މަސައްކަތް ފަށާފައިވާއިރު އަންނަ އަހަރުވެސް އެ ސްކޫލުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް އާ އިމާރާތެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އަންނަ އަހަރު 12 ކުލާސް ރޫމާއި އޮފީސް އިމާރާތް ހެދުމަށް ބަޖެޓްގައި 7.4 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.