ކުޅިވަރު

މިވަގުތު ވިސްނުން ބަހައްޓަންވީ ނަތީޖާއަށް - ޢަދީލް


މުހިންމީ ވަކި މީހަކު ކޯޗުކަމުގެ މަޤާމުގައި ހުރުން ނޫން ކަމަށާ، މިވަގުތު ވިސްނުން ބަހައްޓަންވީ މުބާރާތުން ރަނގަޅު ނަތީޖާއެއް ހޯދަންކަމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެސިސްޓަންޓް ޓެކްނިކަލް ޑިރެކްޓަރ އަޙްމަދު ޢަދީލް ބުނެފިއެވެ.

ބަންގްލަދޭޝްގައި ފަށަން ތައްޔާރުވާ ސެންޓްރަލް ޒޯން ސީނިއާ އަންހެން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމް މިދިޔަމަހުގެ ކުރީކޮޅުން ފެށިގެން ތައްޔާރުވަމުންއައީ ހެޑްކޯޗެއްގެ ގޮތުގައި އަޙްމަދު ޢަދީލްގެ އިރުޝާދުގެ ދަށުންނެވެ. ނަމަވެސް މުބާރާތުގައި ރާއްޖެއިން ބައިވެރިވާން އޭރުގެ ވޮލީބޯލަ ނޯމަލައިޒޭޝަން ކޮމިއިޓީން ފޮނުވި ލިއުން އޭވީސީގެ އެންގުމަށް އިހުތިރާމް ކުރުމުގެ ގޮތުން ބަންގްލަދޭޝްގެ އެސޯސިއޭޝަނުން އަނބުރާ ފޮނުވާލިއެވެ. ނަމަވެސް ރާއްޖެ މުބާރާތުގައި ބައިވެރިވީ އޭވީސީއިން އެންގެވިގޮތަށް އިންތިޚާބީ ރައީސް ލަތީފް ޓީމް ލިސްޓު ފޮނުވައިގެންނެވެ. އެ ލިސްޓުގައި ކޯޗުގެ މަގާމް ދީފައިވަނީ ކުރީގެ އެސިސްޓަންޓް ކޯޗް ސުނާނަށެވެ.

ޓީމް މުބާރާތުގައި ވާދަކުުރުމަށް ބަންގްލަދޭޝްއަށް އައިއިރު އިދާރީ ބައެއް ކަންކަން ހަމަނުޖެހުމުގެ ސަބަބުން ސުނާނަށް ޓީމާއިއެކު ނާދެވުމުން ރާއްޖެއިންވަނީ ޓިމް ލިސްޓަށް ބަދަލުގެންނަން ވަރަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް މުބާރާތުގެ އިންތިޒާމުކުރާ ފަރާތުން ޓީމް ލިސްޓަށް ބަދަލުގެންނަން ފުރުސަތެއް ނުދިނެވެ. އެގޮތުން މުބާރާތުގެ ޓެކްނިކަލް ޑިރެކްޓަރ މައްސޫދު ވިދާޅުވީ، ހެޑްކޯޗަށް ޓީމާއެކު ނާދެވޭނަމަ އެމަގާމު ދެން އަދާކުރަންޖެހޭނީ އެސިސްޓަންޓް ކޯޗު ކަމަށެވެ. އެހެންކަމުން މުބަރާތުގައި ރާއްޖެއިން ވާދަކުރާނީ ކޯޗް މުޙައްމަދު ފައިސަލްގެ އިރުޝާދިގެ ދަށުންނެވެ.

މިކަމާއި ގުޅިގެން ޕީއެސްއެމް ސްޕޯޓްސްއާ ވާދަކަދައްކަމުން އަހުމަދު ޢަދީލް ބުނީ، މިވަގުތު މުހިންމީ ޓީމަށް އިރުޝާދުދޭން މަގާމުގައި ވަކިމީހަކު ހުރުން ނޫންކަމަށާއި ވިސްނުން ބަހައްޓަންވީ މިމުބާރާތުން ރާއްޖެއަށް ރީތި ނަމެއް ހޯދަން ކަމަށެވެ. އަދި ކޯޗުގެ މަގާމުގައި ނުހުރެވުނު ކަމުގައި ވިޔަސް އަބަދުވެސް ޓީމަށް އިރުޝާދުދިނުމުގައި ހުނާނެކަމަށް ޢަދީލް ބުންޏެވެ.

އަދީލްބުނީ މިމުބާރާތަށް ޓީމް އޭނާގެ އިރުޝާދުގެ ދަށުން ތައްޔާރުވުމަށްފަހު ފަހުވަގުތު އެހެން ކޯޗެއް ޓީމް ލީޑުކުރަން ޖެހުނަސް އެކަމުން މާބޮޑު އަސަރެއް ނުކުރާނެ ކަމަށާ، އޭގެ ބަދަލުގައި ކުޅުންތެރިންގެ ވިސްނުން ހުރީ ގައުމު ފަޚުރުވެރިކޮށްދޭން ކަމަށެވެ.

"މިކަމުގެ ސަބަބުން މާބޮޑު އަސަރެއް ޓީމަކަށް ނުކުރާނެ، އެއީ އަޅުގަނޑު އަބަދުވެސް ހުންނާނީ ކޯޓުގައި ކުޅުންތެރިނަށް އިރުޝާދުދޭން، ކޯޗް ފައިސަލް އާއި ގުޅިގެން އަމާޒަށް ވާސިލްވާން އަޅުގަނޑު މަސައްކަތް ކުރާނީ، މިވަގުތު މުހިންމީ މަގާމުގައި ވަކިމީހަކު ހުރުމެއް ނޫން، އޭގެ ބަދަލު ވިސްނުން ބަހައްޓަންވީ ރަނގަޅު ކާމިޔާބީއެއް ހޯދަން،" ޢަދީލް ބުންޏެވެ.

މުބާރާތުގައި ވާދަކުުރުމަށް ކޯޗް ފައިސަލްގެ އިރުޝާދުގެ ދަށުން ޓީމް ވަނީ އެންމެ ފަހު ފަރިތަކުރުން ބަންގްލަދޭޝްގައި ކުރިއަށް ގެންގޮސްފައެވެ. މިފަރިތަކުރުންތަކުގައިވެސް ޢަދީލް ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ޓީމް ވާދަކުރަންޖެހޭނީ ކިރިގިސްތާނާ ދެކޮޅަށެވެ.