ދުނިޔެ

ޖޫން 30 ގެ ފަހުންވެސް ނިއުކްލިޔަރ ވާހަކަތައް ކުރިޔަށްގެންދަނީ


މި ހިނގާ ޖޫންމަހުގެ 30 ގެ ފަހުންވެސް އީރާނުގެ ނިއުކްލިޔަރ ވާހަކަތައް ކުރިޔަށްގެންދާގޮތަށް އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން އެއްބަސްވެއްޖެއެވެ.މިކަން ހަމަކުރައްވަމުން ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާބެހޭ ވިލަރެސް ވެރިޔާ ފްރެޑްރިކާ މޮގިރީނީ ވިދާޅުވީ ޖޫންމަހުގެ ތިރީހަކީ ނިއުކްލިޔަރ ވާހަކަތައް ކޮޅެއްގައި ޖެއްސުމުގެ ސުންގަޑި ކަމަށްވިޔަސް މިމުއްދަތުގެ ކުރިން އެއްބަސްވުމަކާ ހަމައަށް ދެވޭނެ ކަމުގެ ޔަގީންކަން ނެތުމުން މިގޮތަށް ނިންމަންޖެހުނީ ކަމަށެވެ.މިމައްސަލާގެ އިތުރު ތަފްސީލް ހާމަކުރައްވަމުން މޮގިރީނީ ވިދާޅުވީ އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން އަދި އެއްބަސްވެފައިވަނީ ޖޫން 30 އަށްފަހު ދިގުމުއްދަތަކަށް ނިއުކްލިޔަރ ވާހަކަތައް ކުރިޔަށްގެންދިޔުމަށް ނޫންކަމަށާ މިހާރު ކުރިޔަށްދާ ވާހަކަތަކުގެ މުއްދަތު ޖުލައިމަހުގެ ތިންވަނަ ދުވަހާ ހަމައަށް އިތުރު ކުރުމަށް ކަމަށެވެ. ނަމަވެސް އެއްބަސްވުމަކާ ހަމައަށް ނުދެވޭނަމަ، ޖޫން 30 އަށްފަހު ދިގުމުއްދަތަކަށް ނިއުކްލިޔަރ ވާހަކަތައް ކުރިޔަށްގެންދިޔުމަށް މުސްތަގްބަލްގައި ނިންމުމަކީ އެކަށީގެންވާ ކަމެއްކަމަށް މޮގިރީނީ ވިދާޅުވިއެވެ.މީގެ ދެއަހަރު ކުރިން ފެށި އީރާނުގެ ނިއުކްލިޔަރ ވާހަކަތަކުގެ ބޭނުމަކީ އިރާނުގެ ނިއުކްލިޔަރ ވާހަކަތަކަށް ސުލްޙަވެރި ޙައްލެއް ހޯދުމެވެ. ފާއިތުވި ދުވަސްތަކުގައި އެކި ފަހަރުމަތިން އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ދެކެވުނު ވާހަކަތަކުގެ ސަބަބުން މިމައްސަލަ ޙައްލު ކުރުމަށް ބޮޑެތި ކުރިއެރުންތަކެއްވަނީ ލިބިފައެވެ. އަދި މިދިޔަ އެޕްރީލްމަހު އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުންވަނީ ނިއުކްލިޔަރ މައްސަލަ ހައްލުކުރުމުގެ ފްރޭމްވޯކް އެއްބަސްވުމަކާ ހަމައަށްވެސް ގޮސްފައެވެ.އެޕްރީލްމަހު ވާހަކަތައް މެދުކަނޑާލިއިރު އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުންވަނީ މިހިނގާ ޖޫންމަހުގެ 30 ވަނަ ދުވަސް ނިމުމުގެކުރިން ނިއުކްލިޔަރ މައްސަލަ ހައްލުކުރުމުގެ ދާއިމީ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް ސުންގަނޑިއެއް ކަނަޑައަޅާފައެވެ. މިސުންގަޑި ހަމަވުމުގެ ކުރިން ދާއިމީ އެއްބަސްވުމަކާ ހަމައަށް ދިޔުމަށްޓަކައި އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ޖެނީވާގައި ވާހަކަތައް ކުރިޔަށްގެންދާތާ ތިންހަފްތާއަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. މިގޮތުން ފާއިތުވި ތިންހަފްތާގެ ތެރޭގައިވެސް އީރާނުގެ ނިއުކްލިޔަރ މައްސަލައާގުޅޭ އެތަށް ކަމެއް ހައްލުކުރެވިފައިވެއެވެ.ނަމަވެސް މިކަމާބެހޭ ދާއިމީ އެއްބަސްވުމަކާ ހަމައަށް ދެވޭވަރަށްވުރެ ދެފަރާތުގެ  ޚިލާފްތައް އަދިވެސް ބޮޑުކަމަށް ރިޕޯޓްތައް ބުނެއެވެ. މި ޚިލާފްތަކުގެ ތެރޭގައި އީރާނުގެ ނިއުކްލިޔަރ ރީސާޗް ވަކި މިންވަރެއްގައި ހިފެހެއްޓުމާއި އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކުގެ އިތުރުން އެގައުމުގެ އަސްކަރީ ބައެއް މަރުކަޒުތައްވެސް ބޭނުންވެއްޖެ ޙާލަތެއްގައި ބަލައި ފާސްކުރުމުގެ ހުއްދަ އދ. ގެ އިނިސްޕެކްޓަރުންނަށް ދިނުމާއި ނިއުކްލިޔަރ އެއްބަސްވުމާ އެއްވެސް ފަރާތަކުން ޚިލާފުވެއްޖެ ޙާލަތެއްގައި އަމަލުކުރާނެ ގޮތްތަކާބެހޭގޮތުންވެސް އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާދެމެދު ދެބަސްވުންތަކެއް އެބަހުރި ކަމަށް ޚަބަރުލިބެއެވެ.އީރާނުގެ ނިއުކްލިޔަރ ވާހަކަތަކުގައި ބައިވެރިވާ އެގައުމުގެ އެންމެ އިސް ޑިޕްލޮމޭޓް، މުހައްމަދު ޖަވާދު ޒަރީފް އިއްޔެވަނީ ޖެނީވާގައި ހުންނެވުމަށްފަހު އީރާނުގެ އިސް ލީޑަރޝިޕްއާ މަޝްވަރާތައް ކުރެއްވުމަށްޓަކައި އެނބުރި ތެހެރާނަށް ވަޑައިގެންފައެވެ. ނަމަވެސް ވަރަށް އަވަހަށް އޭނާ އެނބުރި ޖެނީވާއަށް ވަޑައިގަންނަވާނެ ކަމަށް ޚަބަރުލިބެއެވެ.