ޚަބަރު

ސަރުކާރުގެ ޚާރިޖީ ސިޔާސަތު: ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކޮށް، ރައްޔިތުންނަށް ފަސޭހަގޮތްތަކެއް ތަނަވަސް ކުރުން


ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ފުރަތަމަ އަހަރު ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސްކަމެއް ދެއްވާފައިވަނީ ބޭރުގެ ޤައުމުތަކާއި ރާއްޖެއާއި އޮތް ގުޅުން ރަނގަޅުކޮށް، ޤައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް އެޤައުމުތަކުގައި ދިރިއުޅެވޭނެ ފަސޭހަ ގޮތްތަކެއް ހޯދުމަށް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ މަރިޔަމް މިދުފާ ނައީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކޮށްފައިވަނީ ދުނިޔޭގެ ޤައުމުތަކުން ރާއްޖެއާމެދު ދެކެމުންދިޔަ ގޮތް ބަދަލުކޮށް އެކުވެރި ބަދަހި ގުޅުންތަކެއް ޤާއިމްކުރުމަށްކަމަށެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ދުނިޔޭގެ އެކި ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާކަން ފާހަގަކުރައްވާ، މިދުފާ ވިދާޅުވީ އެ ގުޅުންތައް ބަދަހިކުރުމަށް ސަރުކާރުން ކުރި މަސައްކަތް ވަރަށް ކާމިޔާބު ކަމަށެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދަށާއި، އިޖުތިމާއީ ކަންކަމަށާއި، އުމްރާނީ ތަރައްޤީއަށްވެސް މިވީ ކުރު މުއްދަތުގައި ޤައުމުތަކުން ބޮޑު އެހީތެރިކަމެއް ދިންކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބޭރުގެ ޤައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުންނާއި، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިރު ކުރެއްވި ދަތުރުފުޅުތަކުގައި ބަދަހިކުރެވުނު ގުޅުންތަކާއެކު އެ ޤައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ލުއިގޮތްތަކާއި، ވިސާގެ ފަސޭހަތަކާއި، ޚިދުމަތް ހޯދުމަށް އެކި ޤައުމުތަކުގައި ހުރި ގޮތުންޖެހުންތަކަށް ހައްލުތަކެއް ހޯދިފައިވާކަމަށެވެ. އަދި މިއީ ނިމިގެން މިދާ 1 އަހަރުގެ ތެރޭގައި ޚާރިޖީ ދާއިރާއިން ހޯދިފައިވާ ބޮޑެތި ކާމިޔާބީތަކެއްކަން މިދުފާ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ވެފައިވަނީ ދޭދޭ ޤައުމުތަކާއި ގުޅިގެން އެކުވެރި ކަމާއެކު މަސައްކަތް ކުރުމަށް ކަމަށްވެސް މިދުފާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ފާއިތުވަމުންމިދާ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަކިވަކި ޤައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކަށް ބަލާލާނަމަވެސް 1 އަހަރުގެ ތެރޭގައި މީގެ ކުރިން ދުވަހަކުވެސް ނުވެވޭވަރަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި، ގުޅުން ޤާއިމްކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިއެއްބަސްވުންތަކުގެ ސަބަބުން ސިއްޚީ ދާއިރާއިންނާއި، ތައުލީމީ ދާއިރާއާއި، އިޖްތިމާއީ، އަދި އިޤްތިޞާދީ ދާއިރާތަކުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރަމުންދާކަންވެސް މިދުފާ ވަނީ ފާހަގަކުރައްވާފައެވެ.