ވިޔަފާރި

އަންނަ އަހަރު ރާއްޖެ ހިމެނޭނީ ދުނިޔޭގެ އެންމެ ބާރަށް ކުރިއަރާ ޤައުމުތަކުގެ ތެރޭގައި


2020 ވަނަ އަހަރު ރާއްޖެ ގުނާލެވިގެންދާނީ ދުނިޔޭގެ އެންމެ ބާރަށް ކުރިއަރާ ޤައުމުތަކުގެ ތެރޭގައިކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ދައުލަތުގެ ބަޖެޓް 2020" ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރުގެ ނައިބު މުޙައްމަދު ފިރުޒުލް ހުސައިން ވިދާޅުވީ، އިޤްތިޟާދު ކުރިއަރާ މިންވަރު 2020 ވަނަ އަހަރު ދުނިޔޭގެ ޤައުމުތަކުގައި އެވްރެޖްކޮށް ހުންނާނީ 3.5 އިންސައްތައާއި 3.6 އިންސައްތައާއި ދެމެދުގައިކަމަށެވެ. ނަމަވެސް އިޤްތިޟާދު ކުރިއަރާނެ މިންވަރު 2020 ވަނަ އަހަރު ރާއްޖޭގައި ހުންނާނެކަމަށް މިހާރު ލަފާކުރެވެނީ 7.5 އިންސައްތައިގައިކަމަށެވެ.

ރާއްޖޭގެ އިޤްތިޟާދީ ދުވެލި ކުރިއެރުމުގައި ފާއިތުވެދިޔަ 8 އަހަރުގެ ތެރޭގައި ނުފެންނަ ވަރުގެ ހަލުވި ދުވެއްޔެއް އަންނަ އަހަރުގެ ތެރޭގައި ފެނިގެންދާނެކަމަށާއި، އަންނަ އަހަރު ރާއްޖެ ގުނާލެވިގެންދާނީ ދުނިޔޭގެ އެންމެ ބާރަށް ކުރިއަރާ ޤައުމުތަކުގެ ތެރޭގައިކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"ރާއްޖޭގެ ރިއަލް ޖީޑީޕީ ގުރޯތް ރޭޓް 2020 ގައި 7.5 އިންސައްތައިގައި ހުންނާނެކަމަށް އަޅުގަނޑުމެންގެ މެކްރޯ އިކޮނޮމިކް އަންދާޒާތަކުން މިދައްކަނީ. ފާއިތުވެދިޔަ 8 އަހަރުގެ ތެރޭގައި ނުފެންނަވަރުގެ ހަލުވި ދުވެއްޔެއް 2020 ވަނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް މި ޤައުމުން ފެނިގެންދާނެ. އަދި 2020 ވަނަ އަހަރުގައި ދިވެހިރާއްޖެ ގުނާލެވިގެންދާނީ ދުނިޔޭގެ އެންމެ ބާރަށް ކުރިއަރާ ޤައުމުތަކުގެ ތެރޭގައި." ފިނޭންސް މިނިސްޓަރުގެ ނައިބު މުޙައްމަދު ފިރުޒުލް ހުސައިން ވިދާޅުވިއެވެ.

އަންނަ އަހަރުގެ އިޤްތިޟާދީ ދުވެލި ކުރިއަރާނެކަމަށް ލަފާކުރެވެނީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރައިގެންދާނެ ބާރުމިނުގެ ސަބަބުންކަމަށް ފިރުޒުލް ވިދާޅުވިއެވެ. ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރިން ހޭދަކުރި އަދަދަށްވުރެ ބަޖެޓް 3 ގުނައަށް މިއަހަރު އިތުރުކޮށްފައިވުމާއި، 2020 ވަނަ އަހަރުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ރަންވޭ އޮޕަރޭޝަނަށް ގެނައުމަކީވެސް ފަތުރުވެރިކަން ކުރިއަރާނެކަމަށް ބެލެވޭ ކަންކަމެވެ.

ފިރުޒުލް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރައި ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެގެންދާނެތީ އެކަމަށްވެސް ސަރުކާރުން ތައްޔާރުވަމުން އަންނަކަމަށެވެ. އޭގެތެރޭގައި ރާއްޖޭގެއެކި ސަރަހައްދުތަކުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ރަށްތަކެއް ތަރައްޤީކުރުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދެއްވައިގެން ކުރަން ރާވާފައިވާ ކަމެއްކަމަށެވެ. އަދި އެސްއެމްއީ ބެންކު މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެސްޓްހައުސް ފަށަން ބޭނުންވާ ފަރާތްތަކަށް ލޯނު ދިނުމަކީވެސް މީގެ ތެރެއިން ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ޑިމާންޑް މިގޮތަށް އިތުރުވަމުން ދާއިރުގައި އެ ޑިމާންޑަށް ކޭޓަރ ކުރުމަށްޓަކައި ސަރުކާރުން އެކި ވިސްނުންތައް އެބަ ގެންގުޅޭ. އޭގެތެރެއިން ސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރަން ވިސްނާފައިވާކަމެއް އެއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ރަށްތަކެއް ތަރައްޤީކުރުމަކީ. އަދި އޭގެއިތުރުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެސްޓްހައުސް ކުރަން ބޭނުންވާ ފަރާތްތަކަށް ލޯނު މިދަނީ ދެމުން. އަދި ކުރިއަށްއޮތް ތަނުގައި ދެވޭ މިންވަރުވެސް އިތުރުވެގެންދާނެ." ފިނޭންސް މިނިސްޓަރުގެ ނައިބު މުޙައްމަދު ފިރުޒުލް ހުސައިން ވިދާޅުވިއެވެ.

2020 ވަނަ އަހަރުގެ ބަޖެޓްގައި ޕީއެސްއައިޕީގެ ބޮޑެތި މަޝްރޫޢުތަކެއް ހިމެނިފައިވާތީ މި ޕްރޮޖެކްޓްތަކުގެ މަސައްކަތް ފެށިގެންދިއުމުން އިމާރާތްކުރުމުގެ ސިނާއަތްވެސް ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެކަމެއްކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. 2019 ވަނަ އަހަރު ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު ދައުލަތުގެ ދަރަނި ހުރީ 60 އިންސައްތައިގައެވެ. 2020 ވަނަ އަހަރު މި އަދަދު 58 އިންސައްތައަށް ކުޑަކުރެވޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. ދަރަނި ކުޑަކުރެވިގެންދާނެ މައިގަނޑު ސަބަބަކީ އިޤްތިޟާދު ކުރިއަރަމުންދާނެތީކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.