ޚަބަރު

އެމްއާރުއެމްގެ ރައީސަކަށް ރައީސް މައުމޫން


މޯލްޑިވްސް ރިފޯމް މޫވްމަންޓް ( އެމްއާރުއެމް) ގެ އިންތިގާލީ ރައީސަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އައްޔަންކޮށްފިއެވެ.

އެމްއާރުއެމް އުފުދުމަށް ބޭއްވި ޖަލްސާ އޮތީ ދަރުބާރުގޭގައެވެ. ޖަލްސާއަށް ހަމަވާންޖެހޭ 300 މެމްބަރުން ހަމަނުވެގެން ރޭ 8 ޖަހާއިރު ފަށަން ހަމަޖައްސާފައިވާ އޮތް ޖަލްސާ ފެށިފައިވަނީ އޭގެ ދެ ގަޑިއރު ފަހުންނެވެ.

ރޭގެ ޖަލްސާގައި އެމްއާރުއެމްއިން ވަނީ އެ ޕާޓީގެ އަސާސީ ޤަވައިދާއި ޕާޓީގެ ލޯގޯއާއި ދިދަ ފާސްކުރުމުގެ އިތުރުން މުހިންމު މަޤާމުތަކަށް މެމްބަރުން އައްޔަންކޮށްފައެވެ.

ޕަޓީގެ އިންތިޤާލީ ރައީސަކަށް އައްޔަންކޮށްފައިވަނީ އެޕާޓި އުފެއްދުމުގައި އެމްމެ އިސްދައުރެއް އަދާކުރެއްވި ކުރީގެ ރައީސް ރައީސް މައުމޫން އަބްދުލްޤައްޔޫމްއެވެ. ޖަލްސާގައި ބައިވެރި މެމްބަރުންގެ އިއްތިފާޤުން މި މަޤާމަށް ރައީސް މައުމޫން ހޮވިވަޑައިގެންނެވިއިރު އެ މަޤާމަށް ކުރިމަތިލެއްވީވެސް އެމަނިކުފާނު އެކަންޏެވެ. މީގެއިތުރުން ވިހި މެމްބަރުން ހިމެނޭ އިންތިޤާލި އެގްޒެކްޓިވް ކޮމެޓީއަކީ ޒުވާނުންގެ ކޮމެޓީއަކާއި އަންހެނުންގެ ކޮމެޓީއެއްވެސް ވަނީ އިންތިހާބުކޮށްފައެވެ.

ރޭގެ ޖަލްސާގައި އެމްއާރުއެމްގެ ލޯގޯވެސް ވަނީ ފާސްކޮށްފައެވެ. ތިން ލޯގޯއެއް ފާސްކުރަން ވޯޓަށް އެހިއިރު ފާސްވީ ރައީސް މައުމޫން ތާއިދުކުރެއްވި ލޯގޯއެވެ. ޕާޓީގެ ކުލަކަމަށް ފާސްކޮށްފައިވަނީ ފެއްސާއި ރަން ކުލައެވެ.

މި ޖަލްސާގައި ރައީސް މައުމޫންގެ ވެރިކަމުގައި ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އުމަރު ޒާހިރާއި އަބްދުﷲ ކަމާލުއްދީނާއި އަނީސާ އަހްމަދު ފަދަ ބޭފުޅުން ވަނީ ބައިވެރިވެޑައިގެންފައެވެ.

އެމްއާރުއެމް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މިދިޔަ އޮކްތޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ހުއްދައާއި ހަވާލުވެ ވަޑައިގެންފައިވަނީ ޕާޓީ އުފެއްދުުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މިހާރުގެ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ.

ރަޖިސްޓްރީކޮށްގެން ހިންގާ 9 ސިޔާސީ ޕާޓީއެއް މިހާރުވެސް އެބައޮތެވެ. އިލެކްޝަނަސް ކޮމިޝަނުން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ޕާޓީތަކުގެ މެމްބަރުން ތިބި އަދަދަށް ބަލާއިރު މިހާރު އެންމެ މެމްބަރުން ގިނައީ ވެރިކަން ކުރާ އެމްޑީޕީގައެވެ. އެޕާޓީގެ މެމްބަރުންގެ އަދަދު 54302 އެކެވެ. ދެން އެންމެ މެމްބަރުން ގިނަ ޕީޕީއެމްގެ މެމްބެރުންގެ އަދަދީ 38020 އެވެ.