ޚަބަރު

ނިމުނު ހަފުތާ: މުހިންމު މަޤާމުތަކަށް ބޭފުޅުން އައްޔަންކޮށް، މުހިންމު ނިންމުންތަކެއް


ނިމުނު ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުހިންމު ބައެއް މަޤާމުތަކަށް ބޭފުޅުން އައްޔަންކުރައްވާފައެވެ. އެގޮތުން އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އައްޔަންކުރެއްވުމަށް މަޖިލީހުން ރުހުން ދެއްވާފައިވާ ފާތިމަތު އަމީޒާ އެމަގާމަށް އައްޔަންކުރައްވާފައެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ ފާޠިމަތު އަމީޒާ ވަނީ، މީރާގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައެވެ. އިންޓަވިއުގެ މަރުހަލާއަށްފަހު މަޖިލީހުގެ ކޮމިޓީން އޭނާއަށް %92.44 މާކްސް ދީފައިވޭ. އޭނާއަކީ ފުރަތަމަ ކޮމިޝަނަރ ޖެނަރަލްއޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރެއްވި ފުރަތަމަ އަންހެން ބޭފުޅާއެވެ.

(19 ޖުލައި) ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް، އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ޢައްޔަންކުރައްވާފައެވެ. ޝަރީޢާއިން ލޯ އިން ބެޗްލަރސް ޑިގްރީއާއި، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލްކުރައްވާފައިވާ އަމްޖަދު މުސްތަފާ މީގެ ކުރިންވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވާފައެވެ. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމުގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމާއި، މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް އޭނާ ކުރެއްވިއެވެ.

(22 ޖުލައި އަދި 23 ޖުލައި) 12 ޤައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން ވަނީ ބުދަ އަދި ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު އަރުއްވާފައެވެ. އޭގެ ތެރޭގައި ސްލޮވޭނިއާ، ސޯމާލިޔާ، ފިޖީ، ކޮސޯވޯ، ޤަތަރު، ކިއުބާ، ޑޮމިނިކަން ރިޕަބްލިކް، ނެމީބިއާ، ޕޯޗުގަލް، ބޫޓާން، ކެނެޑާ، އޮސްޓްރިއާ، ބުރުކީނާ ފާސޯ، ގާނާ ތުރުކަމަނިސްތާން އަދި ލާއޮސް ހިމެނެއެވެ. މީގެ ތެރޭގައި އެމްބެސަޑަރުންނާއި، ހައިކޮމިޝނަރުން އަދި ނޮން ރެސިޑެންޓް ސަފީރުން ހިމެނެއެވެ.

(22 ޖުލައި) ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބުދަ ދުވަހު ނިންމަވާފައެވެ.

އެމަނިކުފާނު މިފަދައިން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި ޤަރާރަކުންނެވެ.

އާޖެންޓީނާ ބަލިކޮށް، ސްޕެއިން ވޯލްޑް ކަޕް ކާމިޔާބުކުރުން

(20 ޖުލައި) އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ބަލިކޮށް، ފީފާ ވަރލްޑްކަޕްގެ ތަށި އުފުލަލީ ސްޕއިނުންނެވެ. ދުނިޔޭގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ސްޕެއިން ހޯދީ އެމެރިކާގެ ނިއު ޖަރޒީ ސްޓޭޑިއަމްގައި ކުޅުނު ވޯލްޑްކަޕްގެ ފައިނަލް މެޗު 1-0 ން ކާމިޔާބުކޮށްގެންނެވެ.

މެޗުން ސްޕެއިން މޮޅުވީ 90 މިނިޓްގެ ތެރޭގައި ކުރި ގިނަ އެޓޭކްތައް ނާކާމިޔާބުވެ، ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގައި ކުރި ހޯދައިގެންނެވެ. ސްޕެއިން އަށް ޗެމްޕިއަންކަން ހޯދައިދިން ލަނޑު 106 ވަނަ މިނިޓްގައި ޖެހީ ފެރަން ޓޮރޭޒް އެވެ. ސްޕެއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މެޗަކުން ބަލިނުވެއެވެ. އަދި ކޮޅަށް ވަނީ އެންމެ ގޯލެކެވެ. މީގެކުރިން ސްޕެއިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ 2010 ވަނަ އަހަރު އެވެ.


ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުން ފީފާ ވަރލްޑް ކަޕް 2026 ކާމިޔާބުކުރުމާ ގުޅިގެން، ސްޕެއިންގެ ރަސްގެފާނު ފެލީޕޭ 6 ވަނައަށާއި، ސްޕެއިންގެ ބޮޑުވަޒީރު ޕޭދްރޯ ސަންޗެޘް ޕެރޭޘް-ކަސްތޭޚޯނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

(22 ޖުލައި) "ޑިޖިޓަލް ފޯ އޯލް"ގެ ނަމުގައި ޚާއްޞަ ކެމްޕެއިނެއް މިދިޔަ ހަފްތާގައި މިވަނީ އިފްތިތާޙު ކޮށްފައެވެ. މިއީ، ނޭޝަނަލް ޑިޖިޓަލް އޭއައި ލިޓަރޭސީ އިތުރުކުރުމަށް ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާގެ ދަށުން ކުރިއަށްގެންދާ މި ކެމްޕެއިން އިފްތިތާޙު ކޮށްދެއްވީ، ތަޢުލީމާއި މަތީ ތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. މި ކެމްޕެއިންގައި ފިއުޗަރ އިންސްޓިޓިއުޓުން އޮޕަރޭޝަނަލައިޒް ކުރާނެއެވެ. އަދި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭނީ މައިންޑްކޯއިންނެވެ. މި ކެމްޕެއިނަކީ، 3 އަހަރު ދުވަހުގެ މުއްދަތަކަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ.

(18 ޖުލައި) މާލެއާއި ބްރިޖް ހައިވޭގައި ފުލުހުން މަސައްކަތްކުރާނެ ޕްލޭން އިފްތިތާހުކުރީވެސް ނިމިދިޔަ ހަފްތާގައެވެ.ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު އިފްތިތާހުކޮށްދެއްވި މިޕްލޭނަކީ މާލެއާއި ބްރިޖް ހައިވޭގައި ޑިއުޓީ އަދާކުރާ ފުލުހުން މަސައްކަތްކުރާނެ ގޮތްތައް ބަޔާންކޮށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބާރުއަޅުއްވާފައެވެ. އެގޮތުން، ޓްރެފިކް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު މިހާރު އިތުރުކުރެވިފައިވާކަން ފާހަގަކުރައްވައި، މާލޭގެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، އާންމުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރެއްވިއެވެ.

(23ޖުލައި) ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމުގެ ގޮތުން އިސްކަންދަރު ކޮށީގައި ޚާއްސަ ރަސްމިއްޔާތެއް ހަފްތާތެރޭގައި ވަނީ ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާންއެވެ.

ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރަނީ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވާ އެކިއެކި ހާދިސާތަކާއި ކަންކަމުގައި މި ދުނިޔެއާ ވަކިވެދާ، ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންގެ ހަނދާން އާކޮށް އެފުލުހުން ޤައުމަށްޓަކައި ވެފައިވާ ޤުރުބާނީއާއި ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ވިޔަފާރިއާއި އިޤްތިޞާދު

(21 ޖުލައި) ދިވެހިރާއްޖެއާއި އިތިޔޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ޤާއިމުކުރުމާ ބެހޭ އެއްބަސްވުމެއްގައި ހަފްތާތެރޭގައި ވަނީ ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީނެވެ. އިތިޔޯޕިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޔޮއާނަސް އަބޭރާ ބެލެޓޭއެވެ.

ދިވެހިރާއްޖެއާއި އިތިޔޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، އިތިޔޯޕިއާއަކީ އެފްރިކާ ބައްރުގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން އެކުލަވާލި 6 ވަނަ ޤައުމު ކަމަށެވެ. އަދި މީގެ ކުރިން އެފްރިކާ ބައްރުން ރާއްޖެއާއެކު މިފަދަ އެއްބަސްވުންތައް ޤާއިމުކޮށްފައިވަނީ މިޞްރު، މޮރިޝަސް، ރުވާންޑާ، ސީޝެލްސް އަދި ސައުތު އެފްރިކާއާ އެކުކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިންޑިއާގެ މާކެޓަށް އަމާޒުކޮށްގެން މި އަހަރު ހިންގާ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތުގެ ދަށުން، ބައިނަލްއަޤުވާމީ ފެންވަރުގައި މަޤުބޫލު އިންޑިއާގެ މިއުޒިކީ ތަރި، ޓީވީ ޝަޚްސިއްޔަތު އަދި އިންޑިއަން އައިޑަލްގެ ޖަޖު ބާދްޝާޚް ރާއްޖެއަށް ކުރި ހަތަރު ދުވަހުގެ ދަތުރު ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ ކަލްޗަރަލް އެމްބެސެޑަރެއްގެ ގޮތުގައި ކުރިއަށްގެންދިޔަ މި ދަތުރު ހޯސްޓް ކޮށްދީފައިވަނީ، ހައިޑްއަވޭ ބީޗު ރިސޯޓް އެންޑް ސްޕާ ރިސޯޓުންނެވެ. މިއީ އިންޑިއާގެ ނުފޫޒުގަދަ ސަޤާފީ ޝަޚްސިއްޔަތަކާއި ދުނިޔޭގެ އެންމެ މަޤުބޫލު އެއް މަންޒިލް ގުޅުވައިދީ، އިންޑިއާގައި ދިވެހިރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް ފަރުމާކުރި ޚާއްޞަ ކެމްޕޭނެކެވެ.

ސިޔާސީ ދާއިރާ

(21 ޖުލައި) ނޭނގި ޕާޓީތަކަށް މީހުން ވެއްދުމުގެ މައްސަލަ ހައްލުވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ބައެއް މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް އެމީހުން ވައްދާ މައްސަލައަށް އީފާސް ނިޒާމާއެކު ދާއިމީ ހައްލު ލިބިފައިވާ ކަމަށެވެ. ސިޔާސީ ޕާޓީތަކާއެކު އެ ކޮމިޝަނުން ކުރިއަށްގެންދާ މަޝްވަރާތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް ގެނެސްފައިވަނީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގެ ނިޒާމަށް ކަމަށެވެ. އެގޮތުން "ސިމެދަ" ޕޯޓަލް ތަޢާރަފުކޮށް، ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގެ ކަންކަން ފަސޭހަކުރެވިއްޖެ ކަމަށް ވިދާޅުވިއެވެ.

(22 ޖުލައި) ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް މާލީ ބަޔާން ހުށަހަޅާފައި ނުވާތީ އިލެކްޝަންސް ކޮމިޝަނުން 3 ޕާޓީއަކަށް ފިޔަވަޅު އެޅިކަން ހާމަކުރީ ބުދަ ދުވަހުގައެވެ.

ކަނޑައަޅާފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައި ނުވާތީ ޖޫރިމަނާކުރި ޕާޓީތަކަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ، މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީ އަދި އަދާލަތު ޕާޓީއެވެ. އޭގެ ތެރެއިން އެމްއެންޕީ އާއި އަދާލަތުން އެއްވެސް ގޮތަކަށް މާލީ ބަޔާން ހުށަހަޅާފައެއް ނުވެއެވެ. އަދި އެމްޑީޕީގެ މާލީ ބަޔާން ހުށަހަޅާފައިވަނީ މާލީ ބަޔާން ހުށަހަޅަންޖެހޭ ސުންގަޑި ހަމަވިތާ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސްފަހުންނެވެ.

ސިޔާސީ ޕާޓީތަކުގެ މާލީ ބަޔާން ހުށަހަޅަންޖެހޭނީ އަހަރުގެ ފުރަަތަމަ 90 ދުވަހުގެތެރޭގައެވެ. އެ މުއްދަތު ހަމަވީ މިދިޔަ މޭއި މަހުގެ 20އަށެވެ. އެގޮތުގެމަތިން އަމަލުނުކުރާ ހުރިހާ ޕާޓީ އެއް 50،000ރ. ގެ އަދަދަކުން ޖޫރިމަނާކުރުމަށް އީސީން ނިންމާފައިވެއެވެ.