ޚަބަރު

އަސާސީ ޚިދުމަތްތަށް ފޯރުކޮށްދިނުމުގައި މިސަރުކާރުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވޭ - މުޣުނީީ


އަސާސީ ޚިދުމަތްތަށް ފޯރުކޮށްދިނުމުގައި މި ސަރުކާރުން މިއަހަރުގެ ތެރޭ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ކ.ގުރައިދޫ ފެނުގެ ނިޒާމަށް އިތުރު ޕްލާންޓެއް އިތުރުކުރުމާއި، ނަރުދަމާ ނިޒާމާއި ސްޓެލްކޯއާއި ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙަސަން މުޣުނީ ވަނީ، ސަރުކާރުން ޔޫޓިލިޓީ ޚިދުމަތް ދިނުމަށްދޭ އަހަންމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި ޚިދުމަތްތަށް ޑިޖިޓަލައިޒްކޮށް، ރަށްރަށުގައި މިޚިދުމަތްތަށް ދިނުމުގައި އަވަސް ހައްލުތަކެއް ހޯދަމުންދާކަން މުޣުނީ ފާހަގަކުރެއްވިއެވެ. ކ.ގުރައިދޫގެ ނަރުދަމާ ނިޒާމު ރަނގަޅުކުރުމަށް ސަރުކާރުން ނިންމަވާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު، މިއަންނަ އަހަރުގެ ތެރޭގައި އިތުރުގައި މަސައްކަތް ފެށޭނެކަން މުޣުނީ ވިދާޅުވިއެވެ.

"ނަރުދަމާ ނިޒާމު ސްޓެލްކޯއާއި ހަވާލުކުރުމުން ކ.ގުރައިދޫގެ ޔޫޓިލިޓީ ހުރިހާ ޚިދުމަތެއް ސްޓެލްކޯގެ ފުރާޅުގެ ދަށަށް ބަދަލުވީ. މިކަމުގެ ސަބަބުން ޚިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ. މި ސަރުކާރުން އަސާސީ ޚިދުމަތްތަށް ފޯރުކޮށްދިނުމުގައި ވޭތުވެ ދިޔަ އަހަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަން ފާހަގަކޮށްލަން ޖެހޭ." މުޣުނީ ވިދާޅުވިއެވެ.

ނަރުދަމާ ނިޒާމު ސްޓެލްކޯއާއި ހަވާލުކުރުމުން ކ.ގުރައިދޫގެ ޔޫޓިލިޓީ ހުރިހާ ޚިދުމަތެއް ސްޓެލްކޯގެ ފުރާޅުގެ ދަށުން ދޭންފަށާނެއެވެ. ގުރައުދޫގައި އަލަށް ޤާއިމުކޮށްފައިވަނީ 100 ޓަނުގެ ފެން ޕްލާންޓެކެވެ. މީގެ ކުރިން އެ ރަށުގައި މި ޚިދުމަތް ދެމުން އައީ 30 ޓަނުގެ 2 ޕްލާންޓް މެދުވެރިކޮށްގެންނެވެ. މިއަންނަ އަހަރު ގުރައިދޫގެ ނަރުދަމާ ނިޒާމު ހަރުދަނާކުރުމަށް 7 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަން ސްޓެލްކޯއިންވަނީ ހާމަކުރައްވާފައެވެ.