ރާއްޖޭގައި ކުރިޔަށްގެންދާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި މާލީދާއިރާ ހަރުދަނާކުރުމަށް އެހީތެރިވާން ތައްޔާރަށް އޮތްކަމުގައި ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ވޯލްޑް ބޭންކުގެ ވަފުދުން ވިދާޅުވެއްޖެއެވެ.
ވޯލްޑްބޭންކުގެ ވަފުދެއް ރާއްޖެއަށް މިހާރު ކުރައްވަމުންދާ ޒިޔާރަތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ވަނީ ބައްދަލުކުރައްވާފައެވެ. ވޯލްޑް ބޭންކުގެ ޓީމުން ވަނީ ރާއްޖޭގައި ކުރިޔަށްގެންދާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި މާލީދާއިރާ ހަރުދަނާކުރުމަށް އެބޭންކުން އެހީތެރިވާން ތައްޔާރަށް އޮތްކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވޯލްޑް ބޭންކުގެ ވަފުދާ މަޝްވަރާކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާވަނީ ސަރުކާރުގެ ތަރައްޤީގެ އެޖެންޑާގައި ހިމެނޭ މަޝްރޫޢުތައް ކުރިޔަށްގެންދިއުމުގައި ވޯލްޑް ބޭންކުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖެ ތަރައްޤީކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި ރާއްޖޭގެ މާލީ ޙަލަތާ ބެހޭގޮތުންނާއި އެކިއެކި މަޝްރޫޢުތަކަށް ފައިސާ ހޯދުމާބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރުން ދުނިޔޭގެ ތިމާވެށީގެ މައްސަލަތަކަށް އަހައްމިއްޔަތުކަން ދެއްވާ މިންވަރު ފާހަގަކުރައްވައި 2023ވަނަ އަހަރުން ފެށިގެން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއިން އިއުލާންކުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް ކަންކަންވެސް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމާއި މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް ތަނަވަސްކޮށްދިނުމާއި އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ޤައުމަށް ލިބޭ ތަނަވަސްކަން ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ބެހިގެންދާނެގޮތަށް ކަންކަން އިންތިޒާމުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ވޯލްޑް ބޭންކުގެ ވަފުދުގެ ބޭފުޅުން މި ބައްދަލުކުރެއްވުމުގައި ވަނީ އެ ވަފުދުން ދާދިފަހުން އައްޑުއަތޮޅަށް ކުރެއްވި ދަތުރާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން އައްޑުއަށް ކުރި ދަތުރަކީ ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް ލިބިގެންދިޔަ ދަތުރެއްކަން ވަފުދުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި ލާމަރުކަޒީ ނިޒާމުގެދަށުން ރާއްޖެ ތަރައްޤީކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާއި މިހާރު ސަރުކާރުން ތަޢާރަފުކޮށްފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނަކީ ރާއްޖޭގެ ތަރައްޤީއަށް ބާރުލިބޭނެ މުހިންމު ކަންތައްތަކެއް ހިމެނޭ ޕްލޭނެއް ކަމުގައި ވޯލްޑް ބޭންކުގެ ވަފުދުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ވޯލްޑް ބޭންކުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމާ ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި ކުރިމަގުގައިވެސް އެގުޅުން އެގޮތުގައި ދެމިއޮތުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. އަދި ވޯލްޑްބޭންކުގެ ވަފުދުންވެސް ވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކަށް ދެމުންދާ އެއްބާރުލުމާއި އެހީތެރިކަން އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.