ސިއްހަތު

ޑެންގީ ކޮންޓްރޯލް ކުރުމަށް، މާލޭގައި މަދިރި ބޭސް ޖަހަނީ


މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ޑެންގީ ހުން ކޮންޓްރޯލް ކުރުމުގެ ގޮތުން، މަދިރި މެރުމަށް މިއަދުން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހު މާލޭގައި މަދިރި ބޭސް ޖެހުމަށް ހަމަޖައްސައިފިއެވެ.ހައުސިން މިނިސްޓްރީން  ބުނީ މިއަދުން ފެށިގެން ކުރިއަށް އޮތް ހަތްދުވަހު، ފަތިހު ފަސްގަޑި ތިރީހުން ފެށިގެން އިރު އަރަންދެން މާލޭގައި މަދިރިބޭސް ނުވަތަ ފޮގް ޖަހާނެ ކަމަށެވެ. އެގޮތުން މާލޭގެ މަގުތަކާއި، ޕާކްތަކަށް ފޮގް ޖަހާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.ހެލްތް މިނިސްޓްރީން ވަނީ ޑެންގީ ހުން ރައްޖޭގެ އެކި ކަންކޮޅުތަކުގައި ސީރިއަސް މިންވަރަކަށް ފެތުރެމުންދާތީ އެކަމަށް ސަމަލުވުމަށް އިލްތިމާސްކޮށްފައެވެ. މާލޭގެ އިތުރުން އަތޮޅުތަކުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ފޮގް ޖެހުން އަތޮޅުތަކުގެ ރަށްތަކުގައިވެސް ކުރިއަށްގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.ޑެންގީ ހުން ޖެހިގެން އިއްޔެވަނީ މާބަނޑު އަންހެނަކު ނިޔާވެފަ. މީގެ އިތުރުން ބިދޭސީއަކުވެސް ޑެންގީ ޖެހިގެން މަރުވެފައިވާ ކަމަށް ހެލެތް މިނިސްޓްރީން ބުނެއެވެ. ކޮންމެ އަހަރެއްގެ މި ދުވަސްވަރަކީ ޑެންގީ ފެތުރުން އާންމު ދުވަސް ވަރެއްގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ. މިބަލިން ރައްކާތެރިވުމަށް މަދިރިން ސަލާމަތްވެ، މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ހެލެތް މިނިސްޓްރީން އިލްތިމާސް ކުރައްވައެވެ.