ކުޅިވަރު

ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ފޯމުގައި: އިބްރާހިމް މަހުދީ


ޓީމްގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ފޯމުގައިކަމަށާއި، ކުރިއަށް މިއޮތް ދެ މެޗު ކާމިޔާބުކުރަން މުޅި ޓީމްވެސް އޮތީ ތައްޔާރަށްކަމަށް ޤައުމީ ޓީމްގެ ފޯވާޑް އިބްރާހިމް މަހުދީ ހުސައިން ބުނެފިއެވެ.

ޤައުމީ ފުޓްބޯޅަ ޓީމަށް ކުރިއަށް އޮތީ ވަރލްޑް ކަޕް ކޮލިފައިންއާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ކުޅޭނެ އެންމެ މުހިންމު ދެ މެޗެވެ. ނޮވެމްބަރު 14ގައި ފިލިޕީންސްއާއި ވާދަކުރާއިރު، 19 ނޮވެމްބަރުގައި ދިވެހި ޓީމް ނިކުންނާނީ ގުއާމްއާއި ދެކޮޅަށެވެ. އަމިއްލަ ދަނޑުގައި ކުޅޭ ދެމެޗަށް ދިވެހި ޓީމް އަންނަނީ މެލޭޝީޔާގައި ތަމްރީން ހަދަމުންނެވެ.

ޤައުމީ ޓީމާއިއެކު ސާފް ޗެމްޕިއަންޝިޕް މިދިޔަ އަހަރު ކާމިޔާބުކުރި ކުޅުންތެރިޔާ ބުނީ ޓީމްގެ ކުޅުންތެރިން ފޯމުގައި ތިބިކަން ފަރިތަކުރުންތަކުންވެސް އިނގޭކަމަށާއި، ކުރިއަށް އޮތް ދެ މެޗު ކާމިޔާބުކުރަން ޓީމް އޮތީ ވަރަށް ބޮޑަށް ތައްޔާރަށްކަމަށެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ދިވެހި ޓީމްގެ ފުރަތަމަ ގޯލް ޖެހި ފޯވާޑް ބުނީ މެލޭޝިޔާގެ ކޭމްޕްގެ ސަބަބުން ހުރިހާ ކުޅުންތެރިންނަށްވެސް ކުރިއެރުން ލިބެމުން އަންނަކަމަށާއި، ކޯޗު ބޭނުންވާ ގޮތަށް ޓީމް ބައްޓަންކުރަން މިއީ މުހިންމު ކޭމްޕެއްކަމަށެވެ. އަދި ޓީމްގެ އެޓޭކާއި އަލަށް ގުޅުނު ކުޅުުންތެރިންނާއިއެކު ޓިމް ވަރުގަދަވެފައިވާކަމަށް އޭނާ ބުންޏެވެ.

"ފަރަށް ބޮޑަށް ފާހަގަވޭ ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ފޯމުގައި. އެންމެންވެސް ކުރިއަށް މިއޮތް ދެ މެޗު ނަގަން ވަރަށް ރެޑީވެގެން ތިބީ. އިރާދަކުރެއްވިޔާ ދެ މެޗުވެސް ކާމިޔާބުކުރެވޭނެ"

އައްޑޫ ސިޓީއަށް އުފަން ކުޅުންތެރިޔާ ބުނީ މި މެޗުގައި ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް އައުމަކީ އުއްމީދުކަމަށާއި، ސަޕޯޓަރުންނަކީ ޓީމްގެ ހިތްވަރުކަމަށެވެ. އޭނާ ބުނީ ޤައުމީ ޓީމްގެ ސަޕޯޓަރުން ފަހަކަށް އައިސް މެޗުތަކަށް މަދުން އަންނަކަން ފާހަގަކުރެވޭކަމަށާއި، އެހެންނަމަވެސް ފިލިޕީންސް މެޗުގައި އެކަން ބަދަލުވެ ސަޕޯޓަރުންގެ އެހީއާއިއެކު މެޗު ކާމިޔާބުކުރުމަކީ އުއްމީދުކަމަށެވެ.