ޚަބަރު

ނޭކުރެންދޫގައި ޖަލެއް ހަދަން އަނެއްކާވެސް ބަޖެޓްގައި ހިމަނައިފި


ހދ. ނޭކުރެންދޫގައި ޖަލެއް ހެދުމަށް އަނެއްކާވެސް ބަޖެޓްގައި ހިމަނައިފި އެވެ. އަންނަ އަހަރަށް ލަފާކޮށް ރައްޔިތުން މަޖިލީހަށް ހުށަހެޅި ބަޖެޓްގައިވާގޮތުން ނޭކުރެންދޫގައި ޖަލެއް އެޅުމަށް 17 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ފުރަތަމަ އެރަށުގައި ޖަލެއް ހެދުމަށް މަސައްކަތް ކުރީ ރައީސް ނަޝީދުގެ ވެރިކަމުގައި އެވެ. އެހެންނަމަވެސް މިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި އެރަށުގައި ޖަލު ނޭޅުމަށް ވަނީ ނިންމާފަ އެވެ.

ނިމި ދިޔަ ސަރުކާރުން ނޭކުރެންދޫގައި ޖަލު ނޭޅުމަށް ނިންމުމާ ގުޅިގެން އެރަށުގެ ރައްޔިތުން ވަނީ ހިތްހަމަ ނުޖެހުންފާޅުކޮށްފަ އެވެ. އޭރު ނޭކުރެންދޫގައި އަޅަން ނިންމީ 300 މީހުންގެ ޖާގައިގެ ލުއި ޖަލެކެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ނޭކުރަންދޫގައި ޖަލު ހެދުމަށް ހިމެނުމަކީ އެރަށަށް އިގްތިޞާދީ ގޮތުންނާ އެހެނިހެން ތަފާތު ގޮތްގޮތުން ކުރިއެރުން ލިބި ވަޒީފާގެ ފުރުޞަތު އިތުރުވެގެންދާނެ ކަމެއްކަމަށް ޤަބޫލު ކުރެވޭ ކަމަށް ނޭކުރަންދޫ ކައުންސިލްގެ ރައީސް މައޫޒް ވިދާޅުވިއެވެ.

ޖަލު އެޅުމަށްޓަކާ އޭރު ބައެއް މަސައްކަތްތައްވެސް ކޮށްފައިވެ އެވެ. އެގޮތުން ޖަލު އަޅަން ނެގި 21 ހެކްޓަރުގެ ބިމުގައި ހުރި ރުއްގަހަށް ސަރުކާރުން ބަދަލުދީ، ޖަލު އަޅާ ސަރަހައްދު ބެލުމަށް، ހޯމް މިނިސްޓްރީގެ ޓީމުތައް އެކި ފަހަރު މަތިން އެ ރަށަށް ޒިޔާރަތް ކުރިއެވެ.