ޚަބަރު

ސޫރިޔާގެ އުތުރުގައި ފޯރިމަރަމުން ދިޔަ ތުރުކީވިލާތާ ރަޝިޔާގެ ޤާފިލާއަކަށް ގައު އުކައިފި


ސޫރިޔާގެ އުތުރުގައި އޮންނަ ކޮބާނީގައި ފޯރިމަރަމުންދިޔަ ތުރުކީވިލާތާ ރަޝިޔާގެ ޤާފިލާއަކަށް އެ ސަރަޙައްދުގައި އުޅޭ ބައެއް ފަރާތްތަކުން ގައު އުކައިފިއެވެ. މި ޤާފިލާއަށް ގައު އުކާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ނޯތް ޕްރެސް އެޖެންސީން ވަނީ ޢާންމުކޮށްފައެވެ

ސޫރިޔާގެ އުތުރުގެ ރަށެއްކަމަށްވާ ކޮބާނީގައި ރަޝިޔާއާ ތުރުކީވިލާތުގެ ފައުޖުތަކުން ފޯރިމަރަން ފަށާފައިވަނީ އަންގާރަ ދުވަހުއެވެ. މިއީ، ސޫރިޔާއާ ތުރުކީވިލާތް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ޙަރަކާތްތެރިވަމުންދިޔަ ކުރުދީ ހަނގުރާމަވެރިން އެ ސަރަޙައްދުން ބޭލުމަށް ގޮވާލާ ރަޝިޔާއާ ތުރުކީވިލާތާ ދެމެދު މިދިޔަ މަހު ޤާއިމުކުރި އެއްބަސްވުމުގެ ދަށުން ދެ ޤައުމުން ކުރިއަށް ގެންގޮސްފައިވާ ޙަރަކާތްތަކެކެވެ.

އަންގާރަ ދުވަހު ދެ ޤައުމުން ގުޅިގެން ހިންގި ފޯރިމެރުމުގެ ޙަރަކާތްތައް ފަށާފައިވަނީ ކޮބާނީގެ އިރުމަތިން ހަތް ކިލޯމީޓަރު ދުރު ހިސާބަކުންކަމަށް ރޮއިޓާސްއިންވަނީ ބުނެފައެވެ. މަންޒަރު ދުއް ފަރާތްތަކުން ބުނެފައިވަނީ ހަނގުރާމަ މަތީ އެއްގަމު އުޅަނދުތަކުގައި ދެ ޤައުމުގެ ސަލާމަތީ ބާރުތަކުން ތުރުކީވިލާތާ ސޫރިޔާ ގުޅޭ ސަރަޙައްދީ ރޮނގު ހުރަސްކޮށްފައިވާކަމަށެވެ.

ދެ ޤައުމުގެ ސަލާމަތީ ބާރުތަކުން ބުނެފައިވަނީ ފޯރިމެރުމުގެ ޙަރަކާތުގައި ހަތްދިހަ ދެ ކިލޯމީޓަރުގެ ސަރަޙައްދެއްގައި ދަތުރުކޮށްފައިވާކަމަށެވެ. ތުރުކީވިލާތުގެ ދިފާޢީވުޒާރާއިންވަނީ ދެ ޤައުމުގެ ސިފައިން ގުޅިގެން މި ޙަރަކާތްތައް ހިންގާތަނުގެ ފޮޓޯ ޓުވިޓަރ މެދުވެރިކޮށް ޢާއްމުކޮށްފައެވެ.