ޚަބަރު

މަޑަވެލީން ފްލެޓް ލިބުނު މީހުންނަށް ފްލެޓްތައް ހަވާލުކުރަން ފަށައިފި


ގދ.މަޑަވެލީގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ފަށައިފިއެވެ. ސޯޝަލް ހައުސިންގ މަޝްރޫޢުގެ ދަށުން އެރަށުގައިވަނީ 22 ހައުސިންގ ޔުނިޓް އިމާރާތްކޮށްފައެވެ.

އެއްބަސްވުތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހައުސިން މިނިސްޓްރީގެ ޓީމެއް ގދ.މަޑަވެލީގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ހައުސިން މިނިސްޓްރީން ވިދާޅުވީ ގެތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިއަދު ނިންމާނެކަމަށެވެ.

ގެތަކުގައި އަދިވެސް ބައެއް މުހިންމު މަސައްކަތްތައް ވަނީ ނުނިމިއެވެ. މި ހައުސިންގ ޔުނިޓްތަކުގައި ފެނާއި ކަރަންޓާއި ނަރުދަމާގެ މަސައްކަތްތައް ނިންމުމަށް ހައުސިންގ މިނިސްޓްރީއިން މިހާރުވަނީ ފެނަކައާއި ހަވާލުކޮށްފައެވެ.

ހައުސިންގ މިނިސްޓްރީއިންދަނީ ހައުސިންގ މަޝްރޫޢުތައް ނުނިމި ހުރި ރަށްތަކުގައި، މަޝްރުޢުތައް ނިންމައި އެ ގެތަށް ޙައްގުވެރި ފަރާތްތަކާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތަށް ހުރި ހައުސިންގ މަޝްރޫޢުތައް މިއަހަރުގެ ނިޔަލަށް ނިންމައި، މިހުންނަށް ދިރިއުޅެވޭވަރު ކުރުމަށް މިނިސްޓްރިއިންދަނީ މަސައްކަތް ކުރަމުންނެވެ.