ޚަބަރު

ސަމާލުވޭ، ހަލުވިކަމާއި އެކު ގައިން ގަޔަށް އަރާ ޖަރާސީމެއް ހުރި ރާސްބެރީ ރާއްޖޭގައި


ހަލުވިކަމާއި އެކު ގައިން ގަޔަށް އަރާ ޖަރާސީމަކުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ރާސްބެރީ ރާއްޖެއަށް އެތެރެވެފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިލްތިމާސްކުރައްވައިފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީ ނެރުނު ބަޔާނެއްގައި ވަނީ "ނޯރޯވައިރަސް" ކިޔާ ޖަރާސީމުން ތަޣައްޔަރުވެފައިވާ "ހިލްބީގަންޒް" މަރުކާގެ ގަނޑުކުރި ރާސްބެރީ ރާއްޖެއަށް އެތެރެކޮށްފައިވާކަމަށް ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް އިން އަންގާފައިވާކަމަށެވެ. އަދި މި މައުލޫމާތު ލިބިފައިވާތީ އެފަދަ އުފެއްދުންތައް ހޯދާ ބާޒާރުން ނެގުމުގެ މަސައްކަތްކުރަމުން އަންނަކަމަށާއި މިހާތަނަށް ބެލިބެލުމުން މި ވައްތަރު ގަނޑުކުރި ރާސްބެރީ އެތެރެފައިވަނީ ހަމައެކަނި ބައެއް ރިސޯޓްތަކަށްކަމަށްވެސް އެމްއެފްޑީއޭގެ ބަޔާނުގައިވެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތި އެތެރެކުރާ، ވިއްކާ އަދި ބޭނުން ކުރާ ފަރާތްތަކުން ފުރިހަމަ މަޢުލޫމާތު ނެތް ރައްކާތެރިކަން ކަށަވަރުނުވާ ގަނޑުކުރި ރާސްބެރީ އެތެރެނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށްވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ވަނީ އިލްތިމާސްކޮށްފައެވެ.