ވިޔަފާރި

ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އިތުރު ހަރަކާތްތައް ބާއްވާނަން - އެމްއެމްޕީއާރުސީ


ހަމައެކަނި ފެއަރތަކުގައި ބައިވެރިވެގެން ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ބަދަލުގައި އިތުރު ގިނަ ހަރަކާތްތަކެއްގައި ބައިވެރިވުމަށް ނިންމާފައިވާކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ލަންޑަންގައި ކުރިއަށްދާ ޑަބްލިޔުޓީއެމް ފެއަރގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޅުވީ ފަތުރުވެރިކަން އިޝްތިހާރުކުރާ ގޮތް ދުނިޔޭގައިވެސް ވަރަށް ބޮޑަށް ބަދަލުވަމުން އަންނަކަމަށެވެ. އެގޮތުން އޮންލައިންކޮށް ކުރާ މުޢާމަލާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ތޮއްޔިބު ފާހަގަކުރިއެވެ. އެހެންކަމުން އެމްއެމްޕީއާރުސީންވެސް ހަމައެކަނި ފެއަރތަކުގައި ބައިވެރިވުމުގެ ބަދަލުގައި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއެކީ މަޝްވަރާކުރުމަށް ނުރަސްމީ ގިނަ ބައްދަލުވުންތަކެއް ބާއްވައިގެން ކުރިއަށްދިއުމަށް އަންނަ އަހަރަށް ރާވާފައިވާކަމަށް ތޮއްޔިބް ވިދާޅުވިއެވެ. އަދި މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ލަފަޔާއެކީ ކުރަން ނިންމާފައިވާ މަސައްކަތްތަކެއްކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

"އާސަރުކާރުން އައި ފަހުން އަހަރެއްހާ ދުވަސްވެފައިވާއިރު ހިތްހަމަޖެހޭ މަސައްކަތްތަކެއް ކުރެއްވިއްޖެއޭ ދަންނަވާނީ. އެކުރެވުނީ ހަޤީޤަތުގައި އިންޑަސްޓްރީގެ ބޭފުޅުން ވަރަށް ގިނައިން މިހެން މީޓްވީމަ ވަރަށް ގިނަ ހިޔާލު ދެެއްވާނެ. އެ ދެއްވާ ހިޔާލު އަޅުގަނޑު ބެލީ އެއްކޮށްލާފައި މީގެ ތެރެއިން ރަނގަޅު ކަންތައްތަކަކީ ކޮބައިތޯ. މިކަންކަން އަޅުގަނޑުމެންގެ ޕްލޭންގެ ތެރެއަށް ލައިގެން ކުރީމަ އެބަ ފެނޭ އެބޭފުޅުން ބޭނުންވާ ކަންކަން ހިމަނައިގެން ކުރީމަ އެބޭފުޅުންނަށްވެސް އެބަ ފެނޭ އެބޭފުޅުން ބޭނުންވާ ކަންތައްތަކެއް ކުރަން އުޅޭ ތަން. އެއީ ހަޤީޤަތުގައި އަބަދުވެސް އެކަން ކުރަންޖެހޭ ގޮތަކީ. އިންޑަސްޓްރީ މިހާ ހިސާބަށް މިއައީ ޕްރައިވެޓް ސެކްޓަރއިން މިހާތަނަށް ކުރި މަސައްކަތުން. ސަރުކާރަކީ އެބޭފުޅުންނާ ގުޅިގެން މިކަންކަން ކުރުމަށް އޮތް ޕްލެޓްފޯމެއް. އެބޭފުޅުން ދައްކާ ވާހަކަ އަޑު ނާހާ ކުރިއަށްދަންޏާ ރަނގަޅަކަށް ނުދާނެ." އެމްއެމްޕީއާރުސީގެ އެމްޑީ ވިދާޅުވިއެވެ.

ބޭރުގައި ބާއްވާ ފެއަރތަކުގައި ބަހައްޓާ ރާއްޖޭގެ ސްޓޭންޑަކީ ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭ މަސައްކަތަށްވާއިރު، މިއަހަރުވެސް ސްޓޭންޑްވެސް ކުރީ އަހަރުތަކަށްވުރެ ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށް ތޮއްޔިބް ވިދާޅުވިއެވެ. އަދި އެގޮތުން ތައްޔާރުކުރި ސްޓޭންޑަށް ގިނަ ބައެއްގެ ތައުރީފް ލިބެމުންދާކަމަށްވެސް ތޮއްޔިބް ވިދާޅުވިއެވެ.

"ވަރަށް އަޑުމަޑުކޮށްދަނީ، އެކަމަކުވެސް ސްޓޭންޑުން ކޮންމްވެސް ވަރެއްގެ ބަދަލުތަކެއް ދައްކާލަދެވޭތޯ. އިންޑަސްޓްރީގެ ބޭފުޅުން ބޭނުންވާ ގޮތަށް ސްޓޭންޑް ނިމިގެންދިޔައީ. އެބޭފުޅުންނަށް ލިބުނު ހިތްހަމަޖެހުމަކީ އަޅުގަނޑަށް ލިބުނު ހިތްހަމަޖެހުމެއް. ބޭނުނުވީ ރާއްޖޭގެ ރަހަ ބަލާލުމާއި ޕީއާރު މަސައްކަތްތައް ސްޓޭންޑުން ހިނގާނެ. ގިނަ މީހުންނަށް ސްޓޭންޑް ކަމުދިޔައީ ފާލަމެއްގެ ސިފަ ސްޓޭންޑުން ދައްކާލަދޭތީ.
އަބަދުވެސް ކޮންމެ އަހަރަކު ރާއްޖޭގެ ސްޓޭންޑަކީ ވަރަށް ރީތިކަމަށް ފާހަގަވާތަނެއް ވަރަށް ބޮޑު ޕްރެޝަރެއް އައި ކުރިއަށްވެސް ގޯސްނުކޮށް މިކަން ކުރުމަށް" ތޮއްޔިބު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް މުހައްމަދު ނަޒީރު ވިދާޅުވީ ސަރުކާރުން ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން އިންވެސްޓަރުންނަށް އިތުރު ފަސޭޙަތައް ފޯރުކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާކަމަށް ނަޒީރު ވިދާޅުވިއެވެ.

" ރާއްޖޭގެ ޓުއަރިޒަމް އަބަދުވެސް ވަރަށް އުޖާލާ، ރައީސް ސޯލިހުގެ ސަރުކާރުން ގެންނަވަމުން ގެންދަވާ ބަދަލުތަކުގެ ސަބަބުން ޓުއަރިޒަމް ސެކްޓަރ އިތުރަށް ކުރިއަރާނެކަމަށް ލަފާކުރަނީ. އެމްބަސީންވެސް ދަނީ އިންވެސްޓަރުންނަށް ކަންކަން ފަސޭޙަކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރަމުން" ގިނަ ރިސޯޓްތަކެއް ހިންގަމުން ގެންދަވާ ނަޒީރު ވިދާޅުވިއެވެ،

40 ވަނަ ޑަބްލިޔުޓީއެމް ފެއަރ މިއަހަރު ކުރިއަށްދާއިރު، މިއީ ރާއްޖެއިން މި ފެއަރގައި ބައިވެރިވާ 35 ވަނަ އަހަރެވެ. އެކްސެލް ލަންޑަން އެގްޒިބިޝަން ހޯލުގައި ކުރިއަށްދާ މި ފެއަރގައި ރާއްޖޭގެ 63 ކުންފުންޏަކުން 161 ފަރާތަކުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ކުންފުނިތައްކަމަށްވާ ޔުނިވަރސަލް ކުންފުންޏާއި ވިލާ އަދި ރިސޯޓު ހޮޓާ ހިންގާ ކުންފުނިތައްކަމަށްވާ ބަނޑޮސް، ކްރައުން އެންޑް ޗަމްޕާ، އަދާރަން، ޓްރިޕަލް އޭ ހޮޓެލްސް އަދި ދާދިފަހުން ހުޅިވިގެންދިޔަ ކްރޮސްރޯޑްސް ހިމެނެއެވެ.

"ޑަބްލިއުޓީއެމް" ފެއަރއަކީ ދުނިޔޭގެ އެކި ޤައުމުގެ ފަތުރުވެރިކަން އިސްތިހާރުކޮށް ކުރިއެރުވުމަށްޓަކައި ކޮންމެ އަހަރަކުވެސް ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ ފެއަރއެކެވެ. މިއަހަރުގެ ފެއަރގައި ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްފައިވަނީ ފާލަމެއް ސިފަވާ ގޮތަށެވެ. އަދި މި ސްޓޭންޑުން ރާއްޖޭގެ ޤުދުރަތީ ރީތިކަންވެސް ވަރަށް ބޮޑަށް ދައްކުވައިދެއެވެ.

މިއަހަރުގެ "ޑަބްލިއުޓީއެމް" ގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މާހިރުންނާއި ކުންފުނިތަކާއި ޓްރެވެލް އޮޕަރޭޓާސް ހިމެނޭހެން ދުނިޔޭގެ އެކި ކަންކޮޅުތަކުން 51,000 މީހުން ބައިވެރިވެއެވެ.