ޚަބަރު

ރާއްޖޭގައި ބާއްވާ ފުރަތަމަ ބީޗް ސްޕޯޓްސް ފެސްޓިވަލްގައި 50 ޓީމަކުން ބައިވެރިވެއްޖެ


ޑަބްލިއު ސްޕޯޓްސް އެކަޑަމީން ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ބާދުޝާހު ޑަބުލިއުއެސްއޭ ބީޗް ގޭމްސް"ގައި 50 ޓީމަކުން ބައިވެރިވެއްޖެ އެވެ.

މި މަހުގެ 13 ން 16 އަށް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި ކުޅުދުއްފުށީ ކައުންސިލް އާއި ގުޅިގެން ޑަބްލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ބާއްވާ މި ފެސްޓިވަލް އޮންނާނީ ކުޅުދުއްފުށީ ހިއްކި ބިން ސަރަހައްދުގައެވެ.

ޖުމްލަ 3 ކެޓަގަރީއަކަށް ކުރިއަށްގެންދާ 3 އޮން 3 ބާސްކެޓް ޗެލެންޖުގެ 14 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީގައި 11 ޓީމުގެ އިތުރުން 14 އަހަރުން ދަށުގެ އަންހެން ކެޓަގަރީން 5 ޓިމް އަދި ސީނިއަރ މެން ކެޓަގަރީން 5 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

ފިރިހެން އަދި އަންހެން ސީނިއަރ ކެޓަގަރީއަށް އެކުލަވާލާފައިވާ ބީޗް ހޭންޑް ބޯލްގައި އަންހެން 9 ޓީމާއި ފިރިހެން 6 ޓީމަކުން ވަނީ ބައިވެރިވެފައިވާއިރު ފިރިހެން ކެޓަގަރީގައި ކުޅުދުއްފުށީގެ އިތުރުން މާލޭ ޓީމަކާއި ނޮޅިވަރަންފަރު 2 ޓީމެއް ހިމެނެއެވެ. އަދި އަންހެން ކެޓަގަރީގައިވެސް ކުޅުދުއްފުށީގެ އިތުރުން ނޮޅިވަރަންފަރު ޓީމަކުން ބައިވެރި ވެފައިވެއެވެ.

ސީނިއަރ ވުމެންއަށް ހުޅުވާލެވުނު ބީޗް ނެޓްބޯލް ގައި ބައިވެރިވެފައިވަނީ ޖުމްލަ 5 ޓީމަކުންނެވެ.

ސީނިއަރ މެންއަށް ހުޅުވާލެވުނު ބީޗް ވޮލީ ބޯލް ގައި ބައިވެރިވެފައި ވަނީ 9 ޓީމަކުންނެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީގެ ޓީމް ތަކުގެ އިތުރުން ހއ.މުރައިދޫގެ ޓީމަކާއި ނޮޅިވަރަމް ޓީމަކާއި ނޮޅިވަރަންފަރު އަދި ހަނިމާދޫ ޓީމުތަކުން ވަނީ ބައިވެރިވެފައެވެ.

މި ފެސްޓިވަލްގެ ތެރެއިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ތައާރަފު ކުރެވޭ އެއަރ ބެޑްމިންޓަން ތައާރަފްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ގޭމް ފަށައި ކުޅުން ދައްކާލުމަށް ހަމަޖެހިފައިވަނީ ގައުމީ ބެޑްމިންޓަން ޓީމްގެ ކުޅުންތެރިންނެވެ.