ޚަބަރު

ސެލްޓަ ވީގޯއިން ރާއްޖޭގެ ފުޓްބޯޅައަށް ގިނަ އެހީތަކެއްވާނެ - ބައްސާމް

ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ސްޕެއިންގެ ސެލްޓަ ވިގޯއިން އެހީތެރިވެދޭނެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖެއިންވަނީ ސްޕެއިންގެ ސްޕެނިޝް ލީގުގައި ކުޅޭ ސެލްޓަ ވިގޯއާއެކު ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމާއި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރި ވެދިނުމާބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ރާއްޖެއިން ސެލްޓަ ވީގޯއާއިއެކު އެއްބަސްވެފައިވަނީ 3 އަހަރު ދުވަހުގެ މުއްދަތަށެވެ. މިއެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ(އެފްއޭއެމް)ގެ ރައީސް ބައްސާމް ޢަދީލް ޖަލީލް ވިދާޅުވީ މިއީ ތާރީޚީ ދުވަހެއްކަމަށާއި މިއީ ވަރަށްކުރިއްސުރެއް ދެކެމުން އައިސްފައިވާ ހުވަފެނެއްކަމަށެވެ.

މިހާރު ރާއްޖެއިން ޒުވާން ކުޅުންތެރިނަށް އިސްކަންދީގެން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ދުވަސްވަރެއްގައި މިފަދަ އެއްބަސްވުމެއްގައި ސޮއިކުރެވިގެންދިއުމަކީ ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރަމުންގެންދާ މަސައްކަތުގައި ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ބައްސާމް ވިދާޅުވިއެވެ.

"ޒުވާން ކުޅުންތެރިން ސެލްޓަ ވިގޯއަށް ފޮނުވުމަށް ވަނީ މަޝްވަރާކުރެވިފަ. އެކުޅުންތެރިންނަށް ތަޖްރިބާ ހޯދައިދިނުމާއި ބެހޭގޮތުންވެސް މަޝްވަރާ ކުރެވިފައިވާކަން ފާހަގަކޮށްލެވޭ. މީގެ އިތުރުން ރާއްޖޭގެ ކޯޗުންވެސް ސެލްޓަ ވީގޯއަށް ފޮނުވައިގެން އެކޯޗުންނަށްވެސް އިތުރު ތަޖްރިބާ ހޯދުމުގެ ފުރުސަތު ހުޅުވިފައިވާކަން ފާހަގަކޮށްލެވޭ. އަދި އަޅުގަނޑުމެންގެ މެޑިކަލް ސްޓާފުންވެސް ސެންޓަ ވިގޯއަށް އައިސް، މިކުލަބްގެ މެޑިކަލް ސްޓާފުންނާއެކު މަސައްކަތް ކުރުމަށްވެސް މަޝްވަރާ ކުރެވިފައިވޭ. އަދި މިއީ ފުޓްބޯޅަ އެހެން ލެވަލްއަކަށް ގެންދިއުމަށް އެޅޭ ވަރަށް ވަރުގަދަ ބިންގަލަކަށް ވެގެންދާނެ." ބައްސާމް ވިދާޅުވިއެވެ.

ސެލްޓަ ވިގޯއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޤައުމީ ޓީމް ސެލްޓަ ވީގޯގައި ކޭމްޕް ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އެކުލަބްގެ ޓީމްތަކާއެކު މެޗްތަކެއްވެސް ކުޅުމަށް މަޝްވަރާ ކުރެވިފައިވެއެވެ.

ތިން އަހަރު ދުވަހުގެ މުއްދަތަށް ވެވުނު މިއެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކު ރާއްޖެ އިސްތިހާރު ކުރުމަށް ނުވަ ލައްކަ ޑޮލަރު (13 މިލިއަން ރުފިޔާ) ސެލްޓަވީގޯއަށް ދޭން ޖެހޭނެއެވެ.