ކުޅިވަރު

މެޗުން ބަލިވި ނަމަވެސް ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ހިތްހަމަޖެހޭ: ޝިއުރާ


ތައިލެންޑްގެ ސިރްޕަތުމް ޔުނިވާސިޓީ އަތުން ބަލިވި ނަމަވެސް މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާއިމެދު ހިތްހަމަޖެހޭކަމަށް ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އައިމިނަތު ޝިއުރާ ބުނެފިއެވެ.

އަންނަ މަހު ނޭޕާލްގައި އޮންނަ ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުމުގެ ގޮތުން ތައިލެންޑްގައި ކޭމްޕްކޮށް ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު އަންނަނީ ތަމްރީން ހަދަމުންނެވެ. މި ކޭމްޕްގައި ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ކުޅުނު ދެވަނަ މެޗުގައި ނުކުތީ ތައިލެންޑް ޔުނިވާސިޓީ ޗެމްޕިއަންކަމަށްވާ ސިރްޕަތުމް ޔުނިވާސިޓީއާއި ދެކޮޅަށެވެ. ތައިލެންޑްގެ ޤައުމީ ޓީމުގައި ހިމެނޭ 3 ކުޅުންތެރިން ޔުނިވާސިޓީ ޓީމުގައި ހިމެނޭއިރު މި މެޗުން ރާއްޖެ ބަލިވީ 77 ޕޮއިންޓް 49 ޕޮއިންޓްއިންނެވެ.

މެޗަށްފަހު ޤައުމީ ބާސްކެޓްބޯޅަ ޓީމުގައި ހިމެނޭ އެންމެ ސީނިއަރ އެއް ކުޅުންތެރިޔާ އައިމިނަތު ޝިއުރާ ބުނީ، ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި ނަމަވެސް ޖުމްލަކޮށް ބަލާނަމަ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުން ރަނގަޅުކަމަށެވެ. ޝިއުރާ ބުނީ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާއިމެދު ކޯޗުވެސް ހިތްހަމަޖެހުން ފާޅުކުރިކަމަށާއި އެއީ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.

ޝިއުރާ ބުނީ ޓްރެއިނިންގ ކޭމްޕްގައި ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެއާއި ދެކޮޅަށް ނުކުތް ރަންގްސިޓް ޔުނިވާސިޓީއަށްވުރެއް ސިރްޕަތުމް ޔުނިވާސިޓީގެ ޓީމަކީ ފެންވަރުގެ ގޮތުން ބެލިނަމަވެސް މާ މޮޅު ޓީމެއް ކަމަށާއި އެ ފެންވަރުގެ ޓީމެއް އަތުން ބަލިވުމަކީ މައްސަލައެއް ނޫންކަމަށެވެ.

ޓްރެއިނިން ކޭމްޕްގައި ކުޅޭ ފަހު މެޗުގައި ތައިލެންޑްގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމާއި ދެކޮޅަށް ނުކުންނައިރު، އެޓީމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޝިއުރާ ބުނީ، ތައިލެންޑް ޓީމަކީ ރާއްޖެއާއި އަޅާބަލާއިރު ރޭންކްގެ ގޮތުންވެސް މާ މަތީގައި އޮތް ޤައުމެއްކަމަށާއި، އެ މެޗަށް ނުކުންނާނީ ރަނގަޅު ފައިޓެއް ދޭން ތައްޔާރުވެގެންކަމަށެވެ.

"ކޯޗު ހިތްހަމަޖެހުމަކީ ޕްލެޔާރސްއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އެއީ ކޯޗުގެ ފީޑްބެކް މުހިއްމު އަސްލު. މެޗު ކުޅުމުގައި ތިބުނާހެން ކޯޓުގެ ކޮންޑިޝަނައަށް ބަލާފައި އެބައުޅޭ މައްސަލަތަކެއް އެއަށް ޖެހޭނީ އެޑެޕްޓް ވެލަން. މިސާލަކަށް މުބާރާތް ކުޅޭތަނުގައި އަޅުގަނޑުމެން އެންމެ ހިތްހަމަޖެހޭ ފެންވަރުގެ ކޯޓެއް ނެތިދާނެ. ދެން ތައިލެންޑް ޓީމަކީ ނިސްބަތުން ބަލައިފީއްޔާ ރާއްޖެއަށްވުރެއް ރޭންކްގެ ގޮތުންވެސް މާ މަތީގައި އުޅޭ ޤައުމެއް އެހެންވީމަ ތައިލެންޑް ޓީމު އަތުން މޮޅުނުވެވުނަސް ރަނގަޅު ފައިޓެއް ދެވޭތޯ ބަލާނީ". ޝިއުރާ ބުންޏެވެ.

މިމަހުގެ 1 އިން 10 ގެ ނިޔަލަށް ތައިލެންޑްގައި ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ކޭމްޕްކޮށްފައިވާއިރު، މި ކޭމްޕަކީ ވޭތިވިދިޔަ 4 އަހަރުތެރޭ ރާއްޖެއިން ބޭރުގައި ޓީމު ކޭމްޕްކުރި ފުރަތަމަ ފަހަރެއެވެ.